21 Dec 2010, 10:02
މާލޭގައި އަންހެނަކާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހަކަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ހަތަރު ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނަނީ، މި އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުގެ ރޭ 1:30 ހާކަންހާއިރު ހ. ލަންދޫގޭގައި އުޅުނު އަންހެނަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ހަ މީހުންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ، އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށް ފަހު ނިންމާފައި ވަނީ އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ ހަތަރު ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ކަމަށެވެ.
އެ ހަތަރު ފުލުހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އަދި ޕީޖީ އޮފީހުން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު އެ މައްސަލަ ބަލައިގެންފައި ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް މިއަދު ވިދާޅުވީ، އެރޭ ހައްޔަރުކޮށްގެން އަތޮޅުވެއްސަށް ފުލުހުން ގެންދިޔަ މީހުންނަށް އަނިޔާކުރި ތަން އެތަނުގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ.
"ފުލުހުން އަނިޔާކުރާ ތަން ފެންނަން އޮތީމާ އަޅުގަނޑުމެން އެގޮތަށް އެ މައްސަލަ ނިންމީ. އަދި އެއީ ވެސް އަޅުގަނޑުމެން ތަހުގީގަށް ނިންމުމަށް، ބުރަވުމަށް އޮތް ބައެއް. އަޅުގަނޑުމެންނަށް އެ ސީސީޓީވީ ފުޓޭޖުން ފެންނަން ހުރި ފުލުހުން އަނިޔާކުރާތަން،" ޝަހިންދާ ވިދާޅުވި އެވެ.
ހަތަރު ފުލުހެއްގެ މައްޗަށް ދައުވާ ކުރަން ނިންމި މައްސަލައިގެ ބަޔާން ކޮމިޝަނުން މިއަދު ނެރެފައި މިވަނީ، ދާދިފަހުން ބީޖީ ސަރަހައްދު ކައިރީ ފުލުހުންގެ ބަޔަކު މީހަކަށް އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ލީކުވުމާ ގުޅިގެން، އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ޕޮލިސް އިންޓަގްރިޓީން މިއަދު ކަށަވަރުކޮށްދިންތާ ކުޑައިރުކޮޅެއް ފަހުން ނެވެ.
ނަމަވެސް، ޝަހިންދާ މިއަދު ވިދާޅުވީ، އެ މައްސަލައާ މިއަދު އެ ބަޔާން ނެރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ޕީޖީ އޮފީހުން މައްސަލަ ބަލައިގަތްތާ ދެ މަސް ފަހުން، އެ ބަޔާން ނެރުނީ "ކޮމިޝަނުގެ މަސައްކަތްތައް ހުރި ގޮތް ބުރަ ކަމުން" ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނޯވޭ ވަކި ތާރީޚެއް މީޑިއާއަށް މައުލޫމާތު ދޭކަށް. އެކަމަކު އެ މައްސަލަ ބަލަން ފެށިއިރު، ތަހުގީގު ނިމޭ ގޮތް މީޑިއާއަށް އަންގާނެ ކަމަށް ބުނެވިފައި އޮތީމާ އަޅުގަނޑުމެން ބަޔާން ނެރުނީ. މި ނެރުން ލަސްވީ ތަންކޮޅެއް ބުރަކޮށް ކޮމިޝަނުގެ މައްސައްކަތްތައް ހުރީމަ. އެ މަސައްކަތްތައް ކުރިއަށް ގެންދަމުން އިދާރީ ކަންކަން ނިންމާލާފައި އަޅުގަނޑުމެން މި ބަޔާން ނެރުނީ،" ޝަހިންދާ ވިދާޅުވި އެވެ.