މި މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށާފައި ވަނީ މިއަދު ހެނދުނު 8:30 ގައި ދަރުބާރުގޭ ފާށަނަލާ މާލަމުގަ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ކުރިން ތާވަލްކުރެވިފައިވާގޮތަށް ސޮއިކުރުމުގެ ކަންތައް ކުރިއަށްދާކަމަށެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ވެސް އަދި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވެސް ލިސްޓުގައި ސޮއިނުކުރެވޭނެ ކަމަށް ބުނެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށެވެ.

ގަޑިން 11 ޖެހުމާ އެކު ހެނދުނުގެ ދަންފަޅީގައި ސޮއިކުތުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފަ އެވެ. ސޮއިކުރުމުގެ މަސައްކަތް ދެން ފަށާނީ މެންދުރުފަހު 2:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ހެނދުނު ދަންފަޅީގައި ސޮއިކުރުމުގެ ކަންތައް ކުރިއަށްދިޔަ ގޮތަށް ބަލާއިރު ސޮއިކުރަން ގޮސްފައި ވަނީ މަދު ކެންޑިޑޭޓުންގެ ފަރާތުންކަން ފާހަގަކޮށްލެވެއެވެ.

މެންދުރުފަހު 2:00 ސޮއިކުރުމުގެ މަސައްކަތް ފަށާއިރު މިރޭ 10:30 ގައި ސޮއިކުރުން މިއަދަށް މެދުކަނޑާލާނެ ކަމަށާއި ދެން ސޮއިކުރުން އޮންނާނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން 10:00 އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.