14 Mar 2014, 00:40
ބޭރުގެ ފަރާތްތަކުން ނިންމާ ނިންމުންތަކަކީ ދިވެހީންގެ ނިންމުން ނޫންކަމަށާއި ދިވެހިން ބޭނުންވަނީ ދިވެހި މައްސަލަތަކަށް ދިވެހި ހައްލު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ސަރުކާރު ކޯލިޝަނުގެ ޓިކެޓުގައި ވާދަކުރައްވާ އަހްމަދު މަހްލޫފުގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާގެ ނިންމުންތަކަށް ބޭރުގެ ފަރާތްތަކުން ފާޑުކިޔުމަކީ، ދިވެހިން އެއްގޮތަކަށް ވެސް ބޭނުންވާ ގޮތެއް ނޫންކަމަށެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވާ ހުކުމްތައް ބޭރުގެ ފަރާތްތަކަށް މިއުޅެނީ ކަމުނުގޮސްގެން. އެކަމަކު ގާނޫނު އަސާސީން ދިވެހި ރައްޔިތުން އަޅުގަނޑަށް އެބާރު ދީފަ އޮތްނަމަ، އަޅުގަނޑު މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި ވިދާޅުވާ ގައުމުތަކުގެ ބޭފުޅުންގެ ނަންފުޅުތައް ވެސް ފޮނުވާނަން. އޭރުން ހަމަގައިމު ވެސް އެބޭފުޅުން އެ ވިދާޅުވާ ގޮތަށް ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ހިނގާނެތާ. އެއީކީ ދިވެހިން ނިންމާ ގޮތެއް ނޫން. ދިވެހިން ބޭނުންވަނީ ދިވެހި މައްސަލަތަކަށް ދިވެހި ހައްލު،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ "ޑިމޮކްރަސީ މިއަދު މިއޮތް ހިސާބަށް އައިސްފަ މިއޮތީ" ރާއްޖޭގައި ޑިމޮކްރަސީ އޮވެގެން ކަމަށާއި ބޭރުގެ ފަރާތްތަކުން އެކަމާމެދު ކަންބޮޑުވާން ނުޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނާއެކު އެބަ ތިއްބެވި ރާއްޖޭގައި މިއަދު އޮތް ޑިމޮކްރަސީ ގެނައުމަށްޓަކައި މަސައްކަތްކުރާ އެތަކެއް ބޭފުޅުންނެއް. އަދި މިއަދު މިއޮތް ޑިމޮކްރަސީ މިއޮތް ފެންވަރަށް ނައިސްގެން އެކަމާއި ކެތްމަދުވެފައި ތިއްބެވި އެތައް ބޭފުޅުންނެއް އެބަތިއްބެވި،" ރައީސް ވިދާޅުވި އެވެ. "ޑިމޮކްރަސީ މިއަދު މިއޮތް ހިސާބަށް އައިސްފަ މިއޮތީ ޝައްކެއްވެސް ނެތް ގޮތުގައި ރާއްޖޭގައި ޑިމޮކްރަސީ އޮވެގެން. ބޭރުގެ އެއްވެސް ދައުލަތަކަށް، ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގައި ޑިމޮކްރަސީ ނެތިގެން، ނޫނީ ރާއްޖޭގައި އިންތިހާބު ނުބޭއްވިގެން ކަންބޮޑުވާކަށް ނުޖެހޭ."
ރައީސް ވިދާޅުވީ، ޑިމޮކްރަސީ ނެތިގެން، ނޫނީ ރާއްޖޭގައި އިންތިހާބު ނުބޭއްވިގެން ކަންބޮޑުވާން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށާއި ދިވެހިރާއްޖޭގައި މަސްލަހަތު ގާއިމްކުރުމަކީ ދިވެހި ރައްޔިތުން ކުރާ ކަމެއް ކަމަށެވެ.
"ދިވެހި ރައްޔިތުން މީގެ ކުރިންވެސް ދައްކުވައިދީފި ދިވެހިންގެ މައްސަލަތައް ހައްލުކުރުމުގެ ފުރިހަމަ ގާބިލިއްޔަތު ދިވެހިންގެ ކިބައިގައި އެބައޮތްކަން. މިކަން ކުރާކަށެއް ދުނިޔޭގެ އެކިއެކި މުއައްސަސާތަކުން އަޅުގަނޑުމެންގެ އެކިއެކި ދޭދޭ ގައުމުތަކަކުންނެއް މިކަމަކާ ޝައުގުވެރިވާކަށް ނުޖެހޭ. ދިވެހިރާއްޖޭގައި މަސްލަހަތު ގާއިމްކުރުމަކީ ދިވެހި ރައްޔިތުން ކުރާ ކަމެއް. އެއީކީ ބޭރު ދުނިޔޭގެ ގައުމަކުން ބުނާތީ އެމީހުންނަށް ކޮށްދޭ ކަމެއް ނޫން." ރައީސް ވިދާޅުވި އެވެ.
ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހެމުންދާތީ އެކަމަށް އަލިއަޅުވާލައި ރައީސް ޔާމީން ވިދާޅުވީ، ބޭރުގެ ފަރާތްތަކަށް އެ ޖާގަ ދެވިގެން މިއުޅެނީ ރައީސް ނަޝީދުގެ ސަބަބުން ކަމަށާއި އެއީ ދިވެހިންނަށް އެއްވެސް ގޮތަކަށް ހެޔޮ އެދިގެން ކުރެވޭ ކަމެއް ނޫން ކަމަށެވެ.
"ބޭރުގެ ފަރާތްތަކަށް ޖާގަ ދެވިގެން މިއުޅެނީ ރައީސް ނަޝީދު އިދިކޮޅުގައި މަސައްކަތް ކުރެއްވި އިރު. އޭގެ ފަހުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު، ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގައި މިކަހަލަ ދާހިލީ ކަންކަމާއި މިހާ ބޮޑަށް ބެހުމުގެ ފުރުސަތު ދެއްވައިގެން މިއުޅުއްވަނީ އެމަނިކުފާނު. މިއީކީ ދިވެހިންނަކަށް އެއްވެސް ގޮތަކަށް ހެޔޮ އެދިގެން ކުރެވޭ ކަމެއް ނޫން. ދިވެހިންގެ ކަންކަން ނިންމަންވާނީ ދިވެހިރާއްޖެއިން." ރައީސް ވިދާޅުވި އެވެ.