މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ކުރާ ހިތްނުވާ އަދި ކިތަންމެ އުނދަގޫ ކަމެއް ނަމަވެސް، ރައްޔިތުންގެ ހައްގުގައި އެކަން ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެހެން ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، އަހްމަދު މަހްލޫފްގެ ކެމްޕޭން ލޯންޗުކުރުމަށް މިރޭ ރުއްކެނޑިއާ މަގުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު ޖިނާއީ ބޮޑެތި ޖަރީމާތައް ހިންގުމާއި، މީހުންގެ ފުރާނަ ދުއްވާލަން އެކަންކުރާ މީހުން ޖެހިލުމެއް ނުވާ ކަމަށެވެ. އަދި ފުރާނައަކީ ކަރާމާތް ލިބިގެންވާ އެއްޗެއްކަން ކަށަވަރުކޮށްދިނުމަށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ގަސްތުގައި މީހުން މަރައިގެން މަރުގެ ހުކުމް ސުޕްރީމް ކޯޓާއި ހަމައިން މީހެއްގެ މައްޗަށް އައުމާ ގުޅިގެން ތަހުގީގުގެ މަރުހަލާގައާއި މަރުގެ ހުކުމް ތަންފީޒު ކުރުމާއި ބެހޭގޮތުން ހަދަންޖެހޭ ގަވާއިދު ހަދައި މިއަދު މި ނިންމީ. އެކަމަކީ ދިވެހި ރައްޔިތުންނަށް ހަމަޖެހުން ގެނެސްދޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އުނގަދޫ ކަމެއް ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމުން ގެއްލޭ އެއް ފުރާނައަކާއި އަދި އެ ފުރާނައަށް ހުރުމަތެއް ނުބަހައްޓައި މިކަހަލަ އެތަށް ފުރާނަ ތަކެއް ގެއްލިގެން ދިއުމުގެ ފުރުސަތު ލިބިގެން ދިއުމަކީ މި މުޖުތަމައުއަށް ތަހައްމަލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އަޅުނގަޑު ކުރާހިތުން ކުރާ ކަމެއް ނޫން. މިއީ ވަރަށް އުނދަގޫ ކަމެއް. ކޮންމެ ރައީސަކަށް ވެސް ކޮންމެ ހާކިމަކަށް ވެސް މިއީ ފަސޭހަ ކަމެއް ނޫން. އުނދަގޫ ކަމެއް. ނަމަވެސް އެއީ ކިތަންމެ ކުރާހިތް ނުވާ ކަމެއް ނަމަވެސް ކިތަންމެ ދަތި ކަމެއް ނަމަވެސް ރައްޔިތުން އެ އަމާނާތް އަޅުނގަޑާއި ހަވާލުކުރައްވާފައި އޮތީމައި. ރައްޔިތުންގެ ހައްގުގައި އަޅުނގަޑު ޖެހޭ އެކަން ކުރަން،" ރައީސް ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ގަވާއިދު މިއަދު ފާސްކުރެވިގެންދިއުމަކީ ރާއްޖޭގެ ޑިމޮކްރަސީގައި ވަރަށް ވަރުގަދަ ބިންގަލެއް އެޅިގެންދިޔަ ދިޔަ ކަމެއް ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޭރުގެ ފަރާތްތަކުން އެ ކަމާއި ދެކޮޅު ހެދިނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގިނަ ދިވެހިން އެދޭ ގޮތް ކަމަށެވެ. އަދި އެކަން ކުރަން ފަހެއް ނުޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭރުގެ ބައެއް ފަރާތްތަކުން މިކަމާއި ދެކޮޅު ހެދި ނަމަވެސް، އަދި ބޭރުގެ ޑިމޮކްރަސީތަކުގައި ބައެއް ގައުމުތަކުގައި މިކަން ގަބޫލުނުކުރި ނަމަވެސް ދިވެހިރާއްޖޭގެ މަސްލަހަތު މިއަދު އޮތީ، ގިނަ ރައްޔިތުންގެ މަސްލަހަތު އޮތީ ރައްޔިތުން ގަބޫލުކުރާ އުސޫލަށް ރައްޔިތުން ބޭނުންވާ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް މިއަދު އޮތީ ގަބޫލުކުރެވޭ ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކޮށްގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ގިނަ މަރުހަލާތަކެއް ކުރަންޖެހޭ ކަމަށާއި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ކުރިއަށް ގެންދަންޖެހޭ އުސޫލުތައް ނިމި ގަވާއިދު ހިނގާ ހިސާބުން ވީހާ ވެސް އަވަހަކަށް ގަވާއިދު ހިންގަން ފަށާނެ ކަމަށެވެ.

"މީހެއްގެ މައްޗަށް ގިސޯސްގެ ގޮތުން މަރު ނަގައިދޭންޖެހޭތޯ އެކަށައަޅާ ކަށަވަރުކުރަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން. އެ ހުރިހާ ކަމެއް ނިމުނީމައި ދެންވެސް އިސްލާމްދީނު އޮންނަ އުސޫލުގައިވާ ގޮތްތަކުގެ މަތިން އިހްސާސްތެރިކަމާއި އެކީ ގާތިލްގެ އާއިލާ އާއި މަރުވި މީހާގެ އާއިލާއާއިވެސް ވާހަކަތަކެއް ދެކެވޭ. އެއީ ގިސޯސްގެ ގޮތުން މަރަށް މަރުނޫން ގޮތެއް ނެތްތޯ ބެލުމަށް ކަންތައްތަކެއް ކުރެވޭ. ސުޕްރީމް ކޯޓުން ކަންކަން ނިމި މިގަވާއިދު ހިނގާ ހިސާބުން ދެތިން ދުވަހެއްގެ ތެރޭގައި ގަވާއިދު ހިންގަން ފަށާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.