13 Mar 2014, 23:19
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ގއ. ކަނޑުހުޅުދޫން ހައްޔަރު ކުރުމަށްފަހު، މެޖިސްޓްރޭޓް ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައިވާ މީހާގެ ބަންދަށް 15 ދުވަސް ހައިކޯޓުން މިއަދު ޖަހައިދީފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް ދޫކޮށްލި މީހާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވަނީ ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމާ ގުޅިގެން ކަމަށެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ، އެމީހާ ދޫކޮށްލާފައި ހުރެއްޖަނަމަ މައްސަލައިގެ ހެކި ނައްތާލަފާނެތީ އާއި ހެކި ބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި އޭނާގެ ސަބަބުން މުޖުތަމައު އަށް ނުރައްކާވެދާނެ ކަމަށް ބުނެ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އެމީހާ އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ. އެ ދުވަހު ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ތިން ދުވަސް ވަނީ ޖަހައިދީފަ އެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހުން އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ގެންދިއުމުން އެ ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލުމުގެ އަމުރެއް ނެރެފަ އެވެ.
އެ މީހާ އަކީ އެ އަންހެން ކުއްޖާގެ ދޮންބައްޕަ ކަމަށާއި އެކަން ފަޅާއެރީ އެ އަންހެން ކުއްޖާ އެވާހަކަ އާއިލާގެ މީހުންނަށް ކިޔައިދިނުމުން ކަމަށް ކަނޑުހުޅުދޫ ރަށު ކައުންސިލްގެ މެމްބަރަކު ވަނީ ވިދާޅުވެފަ އެވެ.