މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ސޮއިކުރުން ހުކުރު (މާދަމާ) އަދި ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެނޑިޑޭޓުންގެ މަންދޫބުން ނުވަތަ ކެންޑިޑޭޓުން ތަމްސީލްކުރާ ޕާޓީތަކުން އައްޔަންކުރާ ފަރާތްތަކުން ސޮއިކުރުން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހުގެ ހެނދުނު 8:30 އިން 11:00 އަށް އަދި މެންދުރު 2:30 އިން ރޭގަނޑު 10:30 އަށް ސޮއިކުރުމުގެ ކަންތައް ކުރިއަށްގެންދަން ނިންމާފައި ވާއިރު ހޮނިހިރު ދުވަހު ސޮއިކުރުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް ކަމަށް ވެސް އިލެކްޝަނުން މައުލޫމާތު ދެއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓުތަކުގައި ސޮއިކުރުމަށް ކެންޑިޑޭޓުގެ ބަދަލުގައި މަންދޫބު ވަޑައިގަންނަވާއިރު އެކަން ބަޔާންކޮށް ކެންޑިޑޭޓް ސޮއިކޮށް އަދި ކެނޑިޑޭޓުގެ އައިޑީ ކާޑުގެ ނަންބަރު ޖަހައިފައިވާ ސިޓީއެއް ގެންނަވަންޖެހޭނެ ކަމަށެވެ.

ސިޔާސީ ޕާޓީއަކުން ތަމްސީލްކުރާ ކެންޑިޑޭޓެއްނަމަ އެ ޕާޓީއަކުން އައްޔަންކުރާ ފަރާތްތައް ސޮއިކުރަން ވަޑައިގަންނަވާއިރު އެކަން ބަޔާންކޮށް އެ ޕާޓީއެއްގެ ސިޓީއެއް ގެންނަވަންޖެހޭނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ސިޓީގެ ސައްހަކަން ހާމަކޮށްދިނުމުގެ ގޮތުން ސިޓީގައި ގާނޫނީ ޝަހްސެއްގެ ތައްގަނޑު ނުވަތަ ސިޔާސީ ޕާޓީއަކުން ތަމްސީލްކުރާ ކެންޑިޑޭޓެއްނަމަ އެޕާޓީއެއްގެ ތައްގަނޑު ޖަހައި ސޮއިކުރަންޖެހޭނެ ކަމަށާއި ވޯޓާސް ލިސްޓުގައި ސޮއިކުރަން ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑުގެ އަސްލުވެސް ގެންނަންޖެހޭނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.

މިމަހުގެ 22 ގައި ބާއްވަން ހަމަޖެހިފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 85 ދާއިރާއަކުން 302 ކެންޑިޑޭޓުން ވާދަކުރައްވާއިރު މިފަހަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 240,652 މީހުންނަށް ލިބިގެންވެ އެވެ.