"ޕްރޯ އަންލިމިޓެޑް 15އެމް"ގެ ނަމުގައި މިވަގުތު ރާއްޖޭގައި ލިބެންހުރި އެންމެ ހަލުއި އޭޑީއެސްއެލް އިންޓަނެޓްގެ ހިދުމަތް، ދިރާގުން މިއަދު ތައާރަފް ކޮށްފި އެވެ.

އޭޑީއެސްއެލް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން، ދިރާގު އަންލިމިޓެޑް ޕެކޭޖުތަކުގެ ތެރެއަށް މިއަދު އިތުރު ކުރި ޕެކޭޖަކީ، 15 އެމްބީޕީއެއް އާއި ހަމައަށް ރއްޖޭގައި އިންޓަނެޓްގެ ސްޕީޑް މިވަގުތު ލިބޭނެ ހަމައެކަނި ޕެކޭޖް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ރާއްޖޭގައި އޭޑީއެސްއެލް އިންޓަނެޓުގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން ގެންދާ ކުންފުނީގެ ހައްސިއްޔަތުން، ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދަނީ، ކަސްޓަމަރުން އެންމެ ބޭނުންފުޅުވާ ގޮތަށް ހިދުމަތްތައް ބައްޓަން ކުރަން ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުން އެންމެ ބޭނުންފުޅުވާނެ ގޮތަށް ތަފާތު ޕެކޭޖުތަކެއް، ހެޔޮ އަގުތަކެއްގައި، ރަނގަޅު ހިދުމަތެއް ލިބޭނޭ ގޮތަށް ތައްޔާރުކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" މިރުޝަން ވިދާޅުވި އެވެ.

ދިރާގުން އަލަށް ތައާރަފުކުރި ހަލުއި އަންލިމިޓެޑް އިންޓަނެޓް ޕެކޭޖަށް މަހުފީއަށް ދައްކަންޖެހެނީ، 1690ރ. އެވެ.

ދިރާގު ސީނިއާ މާކެޓިންގް ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކްރިލޭޝަންސް އެގްޒެކެޓިވް އިމްޖާދް ޖަލީލް "ސަން"އަށް ވިދާޅުވީ، އަލަށް ތައާރަފްކުރި އަންލިމިޓެޑް އޭޑީއެސްއެލް ޕެކޭޖަކީ، ކަސްޓަމަރުން ބޭނުންވާ، ހުރިހާ ކަމެއް ފުރިހަމަކޮށްގެން ތައާރަފްކޮށްފައިވާ ޕެކޭޖެއް ކަމަށެވެ. އަދި ދިރާގުގެ ކަސްޓަމަރުންގެ ތެރޭގައި ތަފާތު ސްޕީޑް ތަކާ އެކު ތަފާތު ޑާޓާ އެލަވަންސް ލިބޭގޮތަށް އިންޓަނެޓްގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް ތިބިއިރު އެ ކުންފުނިން ހުރިހާ ކަސްޓަމަރުން ވެސް ހިތްހަމަ ޖެހޭ ފަދަ ހިދުމަތެއް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަ ތިއްބެވި، ތަފާތު އިނާޔަތްތަކާ އެކީ، އިންޓަނެޓުގެ ހިދުމަތް ބޭނުންފުޅުވާ ބޭފުޅުން. އޭގެ ތެރޭގައި، ބޮޑު ޑާޓާ އެލަވަންސެއް ލިބޭ، ބޮޑު ހަރަދެއް ނުގޮސް ބަޖެޓަށް ފެތޭ، އަދި އަންލިމިޑެޓް ޑާޓާ އެލަވަންސާ އެކު ހަލުއި އިންޓަ ނެޓު ބޭނުންފުޅުވާ ބޭފުޅުން. މިހާރު މިއޮތީ ހުރިހާ ކެޓަގަރީއެއްގެ ބޭފުޅުންނަށް ވެސް ޕެކޭޖްތައް ތައާރަފް ކުރެވިފައި،" އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން މިހާތަނަށް ތައާރަފްކޮށްފައިވާ، އޭޑީއެސްއެލް އިންޓަނެޓް ޕެކޭޖްތަކުގެ ތެރޭގައި ޕްރޯ އަންލިމިޓެޑް ފަސް ޕެކޭޖަކާއި ހޯމް އަންލިމިޓެޑް ޕެކޭޖެއް ހިމެނެ އެވެ.

އެގޮތުން އަލަށް ތައާރަފްކުރި 15 އެމް ޕެކޭޖާ އެކު ދެންހުރި ޕެކޭޖުތަކަކީ، 5އެމްބީޕީއެސް، 1490ރ. އާއި 3އެމްބީޕީއެސް، 1190ރ. އާއި 2އެމްބީޕީއެސް، 990ރ. އާއި 1އެމްބީޕީއެސް، 790ރ. އަދި ގޭގޭގައި ބޭނުންކުރުމަށް ހާސައްކޮށްގެން 690ރ. މަހުފީއަށް ދައްކަން ޖެހޭ 512ކޭބީޕީއެސް ޕެކޭޖެވެ.