ޔޫރޮޕާ ލީގު ގަދަ ސޯޅައިގައި ޔުވެންޓަސް އާއި ފިއޮރެންޓީނާ ކުޅޭ މެޗުން މޮޅުވާ ޓީމެއް އެ މުބާރާތުގެ ތަށި ގެންދާނެ ކަމުގައި ކުރީގެ ޕޯޗުގަލް ތަރި ނޫނޯ ގޮމޭސް ބުނެފި އެވެ.

އުމުރުން 37 އަހަރުގެ ފޯވަޑް ގޮމޭޒް ވަނީ 2000 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ހަމައަށް ފިއޮރެންޓީނާ އަށް ކުޅެފަ އެވެ. މިސީޒަނުގައި ފިއޮރެންޓީނާ އިން ޔޫރޮޕާ ލީގުގެ ތަށި އުފުލައިލެވިދާނެ ކަމަށް ގޮމޭސް އުންމީދުކުރެ އެވެ.

"ފިއޮރެންޓީނާ އާއި ޔުވެންޓަސް ކުޅޭ މެޗުން މޮޅުވާ ޓީމެއް އެމުބާރާތުގެ ތަށި ކާމިޔާބުކުރާނެ ކަމަށް އަހަރެން ގަބޫލުކުރަން. ޔުވެންޓަސް އަކީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު، އެ ޓީމަކީ މުބާރާތުގެ ފޭވަރިޓެއް." ގޮމޭސް ބުންޏެވެ. "ޔުވެންޓަސްގައި ކާލޮސް ޓެވޭޒް އާއި ފެނާންޑޯ ލޮރެންޓެ ފަދަ މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. އެކަމަކު ފިއޮރެންޓީނާ އަތުން މޮޅުވާން ޔުވެންޓަސް އަށް ފަސޭހަ ކަމަކަށް ނުވާނެ."

ފިއޮރެންޓީނާ އަށް އެކްލަބުގެ ކޯޗު ވިންޗެސްޒޯ މޮންޓެލާ ހޯދައިދެމުންދާ ކާމިޔާބީއާ އެކު، ގޮމޭޒް ވަނީ ކޯޗަށް ތައުރީފްކޮށްފަ އެވެ.

"ފިއޮރެންޓީނާ އަށް މޮންޓެލާ އެ ކޮށްދެމުންދަނީ ވަރަށް ވަޒީފާއެއް. (ޖިއުސެއްޕެ) ރޮސީ އަށް ކުރިމަތިވި އަނިޔާ އަކީ ފިއޮރެންޓީނާގެ ނަސީބު ނެތްކަން. ނަމަވެސް މާރިއޯ ގޮމޭޒްގެ ފިޓްނަސް އެނބުރި އައުމަކީ ރަނގަޅު ކަމެއް. އަހަރެމެން އުންމީދުކުރަނީ ފިއޮރެންޓީނާގެ މޮޅު ކުޅުން ކުރިއަށް ގެންދާނެ ކަމަށް." ގޮމޭސް ބުންޏެވެ.

ޔޫރޮޕާ ލީގު ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ޔުވެންޓަސްގެ ދަނޑުގައި ފިއޮރެންޓީނާ ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 01:05 ގަ އެވެ.