13 Mar 2014, 21:47
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ހުއްޓުވައިދިނުމުގެ އަމުރަކަށް ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަލްހާންގެ ގާނޫނީ ވަކީލާ ނޫރުބާން ފަހުމީ ވިދާޅުވީ އެފަދަ އަމުރަކަށް ހައިކޯޓުގައި އެދިފައި ވަނީ ނިހާދުގެ ކެންޑިޑެސީ ހުއްޓުވާނެތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލައިގައި ކަމަށެވެ.
ނިހާދުގެ ކެންޑިޑެސީ ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އަލްހާން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން ނިންމާފައި ވަނީ އެބާވަތުގެ އަމުރުތައް ނެރުމަކީ ހައިކޯޓުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަމެއް ކަން އިންތިޚާބާ ބެހޭ އާންމު ގާނޫނާއި ކޯޓުތަކާ ބެހޭ ގާނޫނު ބެލުމުން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން ފޭދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ނިހާދުގެ ކެންޑިޑެސީ ހުއްޓުވުމުގެ ވަގުތީ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރެދެވޭނެ ތަނެއް ނެތްކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.