ގައުމީ ފުޓްބޯޅަ ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާގެ ފިރިކަލުން މުހައްމަދު އާރިފް(ބަކާ)ގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ދައުވާއެއް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މަސައްކަތްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިރޭ "ސަން" އަށް ވިދާޅުވީ، ސ. ހިތަދޫ، ނީލްގެ، މުހައްމަދު އާރިފްގެ މައްޗަށް ދައުލަތުންކުރާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ، އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"މުހައްމަދު އާރިފްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ، ޝަރީއަތުތުގެ މަޖިލިހުގައި ދައުވާ ހުށައެޅުއްވުމަށް ދައުލަތުގެ ވަކީލަށް ގާޒީ އެންގެވި. އެކަމަކު ދައުލަތުގެ ވަކީލާ ޞަފާ އިބްރާހީމް ވިދާޅުވީ ދައުލަތުން ވާނީ މިމައްސަލައިގެ ދައުވާ އަނބުރާ ގެންގޮސްފައި ކަމަށް،" ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މަނިކު ދައުވާ އަނބުރާ ގެންދިޔަ ނަމަ ކޯޓުގައި ދައުވާ ނޯންނާނެ ކަމަށް ވިދާޅުވެ ދައުވާ ހުށަހެޅުއްވުމަށް ތަކުރާރުކޮށް ގާޒީ އެދިވަޑައިގަގަތުންމުން، ވަކީލާ ވިދާޅުވީ "ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިގޮތަށް މި އެދެނީ ގާނޫ އާސީސީގެ 223 ވަނަ މާއްދާގައި ދައުވާ އަނބުރާ ގެންދެވޭނެ ކަމަށް ބަޔާންކޮށްފައި ވާތީ" ކަމަށެވެ.

މިދިޔަ ފެބުރުއަރީ މަހު ސްޕްރީމް ކޯޓުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ނުކުރަނީސް މައްސަލަތައް އަނބުރާ ނުގެން ދިއުމަށް އަމުރު ކުރައްވާފައިވާ ކަމަށް ބުނެ، ދައުލަތުގެ ވަކީލާގެ ކިބައިން ދައުވާހުށަހެޅުމަށް ގާޒީ އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލާ ވިދާޅުވި ކަމަށް ވަނީ "މިދައުވާ އަލުން ކުރިޔަށް ނުގެންދިއުމަކީ ޕީޖީ އޮފީހުގެ ނިންމުމެއް،" ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މަނިކު ވިދާޅުވީ ވަކީލާ ބަކާގެ މައްޗަށް ކުރެވޭ ދައުވާ، ޝަރީއަތަށް އިއްވަވައި ދެއްވާފައި ނުވާތީ، ގަޒީ އަށް ލިބިފައިވާ ބާރުގެ ދަށުން ޝަރީއަތުގެ މަޖިލީހުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ކަނޑައަޅައި ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅިދާނެ ކަމަށް ގާޒީ ވިދާޅުވުމުން ޕީޖީގެ ވަކީލާ ސަފާ އިބްރާހީމް ވަނީ މައާފަށް އެދި އެދައުވާ ކޯޓުގައި އިއްވަވާފައި ކަމަށެވެ.

ބަކާގެ މައްޗަށް ދައުވާކޮށް، ޕީޖީ އޮފީހުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.