ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކަށްޓަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ހަތަރު ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިފަހަރުވެސް އިތުރުކޮށްދީފައި ވަނީ 15 ދުވަހަށް ކަމަށެވެ.

އަލްހާންގެ ގަޔަށް ވަޅި ހެރި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ދެ މީހުންނަކީ ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ތޫނުއެއްޗަކުން ދިން ހަމަލާއަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ބޭސްފަރުވާ ކުރެއްވުމަށްފަހު އަލްހާން މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދިވެސް އޭނާގެ ހާލު ކުރީގެ ހާލަތަށް ރުޖޫއައެއް ނުވެއެވެ.