ހިފާފައިވާ ގުދްސު (މާޗް 13) : ފަލަސްތީނުގެ ޣައްޒާއަށް މީގެދެތިން ދުވަސްކުރިން ފެށިގެން އިސްރާއީލުން ދޭންފަށާފައިވާ އުދުވާނީ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެކަމުގެ އިންޒާރު ތަކާއެކު އިސްރާއީލުގެ މަތިންދާބޯޓުތަކުން ޣައްޒާއަށް މިއަދު ވައިގެ އިތުރު ޙަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އިއްޔެ ވިދާޅުވެފައިވަނީ ޣައްޒާއިން އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއް ދީފައިވާ ކަމަށާ ރައްދުގައި ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގައެވެ. އިސްރާއީލުގެ ފައިޓަރ ޖެޓްތަކުން މިއަދު ހެނދުނު ޙަމަލާތައް ދިންތަނުގެ ތެރޭގައި ޣައްޒާގެ އުތުރުގެ ބައިތު ލާހިޔާއާއި ދެކުނުގެ ރަށެއްކަމަށްވާ ރަފްޙު ހިމެނެއެވެ. މިޙަމަލާތައް އަމާޒުކޮށްފައިވަނީ އިސްލާމިކް ޖިހާދު ޖަމާއަތުގެ ޢަސްކަރީ ގޮފިކަމަށްވާ ސަރާޔާ އަލްގުދްސު ގެ މަރުކަޒު ތަކަށެވެ. މިޙަމަލާތަކުގައި މީހަކު މަރުވިކަން އެނގިފައެއް ނުވެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިޔާސީ ލީޑަރެއް ކަމަށްވާ ޚާރިޖީ ވަޒީރު އިވިގިޑޯރ ލިބަރމެންވަނީ ޣައްޒާއަށް އިސްރާއީލު ސިފައިން އަރައި އެސަރަހައްދު އަލުން ހިފައި އިސްތިއުމާރު ކުރުމަށް އިސްރާއީލު ސިފައިންނަށް ގޮވާލައްވާފައެވެ. ލިބަމެންއަކީ ފަލަސްތީނުގެ ރައްޔިތުން އެމިހުންގެ އަމިއްލަ ވަޒަނުން ބޭރުކުރުމަށް ފާޅުގައި ގޮވާލައްވާ އިސްރާއީލުގެ އެންމެ ހަރުކަށި އެއްލީޑަރެވެ.

ޣައްޒާއާ ދެކޮޅަށް ވަރުގަދަ ޢުދުވާނީ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލުން އިއްޔެ ދީފައިމިވަނީ ފާއިތުވި ތިންދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް އެއްގަމުންނާއި ވައިގެމަގުން ޙަމަލާތައްދީ ފަލަސްތީނުގެ 6 މީހުން ޝަހީދު ކޮށްލުމަށްފަހުގައެވެ.ޝަހީދުކޮށްލި މީހުންގެ ތެރޭގައި ފަލަސްތީނުގެ ފަނޑިޔާރަކުވެސް ހިމެނެއެވެ. އިސްރާއީލުގެ މަތިންދާބޯޓުތަކުން އިއްޔެވެސް ވަނީ ޣައްޒާގެ އުތުރަށާއި ދެކުނަށް ޙަމަލާތަކެއް ދީފައެވެ. މިޙަމަލާތަކުގެ ރައްދުގައި ފަލަސްތީނުގެ މުޖާހިދުން އިއްޔެވަނީ ޣައްޒާގެ ކައިރީގައި އިސްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަށް ރޮކެޓް ޙަމަލާތަކެއްދީފައެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް އިސްރާއީލުން ދިން ޙަމަލާތަކުގެ ރައްދުގައި އެޖަމާއަތުން އިއްޔެ އިސްރާއީލަށް 90 ރޮކެޓް ފޮނުވާލާފައިވާ ކަމަށާ އިސްރާއީލުގެ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކަށް މުޖާހިދުންނާއި ޣައްޒާގެ ރައްޔިތުން ނުސިހޭނެ ކަމަށް ބުނެފައެވެ.އަދި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްހިންގާ ޓެރަރިޒަމްގެ ޙަރަކާތްތަކަށް ލޯމަރާލައިގެން ނޯންނާނެ ކަމަށާ އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނަށް ރައްދުދޭނެ ކަމަށްވެސް ޙަމާސްއާއި އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެއެވެ.

އިސްރާއީލުންވަނީ ފާއިތުވި ނުވަ އަހަރު ތެރޭގައި ތިންފަހަރެއްގެ މަތިން ޣައްޒާއާ ދެކޮޅަށް ހަނގުރާމަކޮށް ފަލަސްތީނުގެ ކުށެއްނެތް އެތަށް ހާސްބަޔަކު ޝަހީދުކޮށްލައި އިންސާނިއްޔަތާ ޚިލާފު އެތަށް ޖަރީމާތަކެއް ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާފައެވެ. މިހަނގުރާމަތަކުގައި އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށާއި އާންމުންގެ ގެދޮރުފަދަ މަދަނީ ތަންތަނަށް ޙަމަލާތައްދީ ޣައްޒާގެ ބޮޑުބައެއްވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން އިސްރާއީލު ގެންދަނީ ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް ޙިސާރުގެ ލާއިންސާނީ ފިޔަވަޅުތަކެއް އަޅައި ބޭހާއި ތެލާއި ގޭސް އަދި ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތިންވެސް ޣާއްޒާގެ ރައްޔިތުން މަހްރޫމް ކުރަމުންނެވެ. މީގެއިތުރުން ޣައްޒާއަށް ކާބޯތަކެއްޗާއި ބޭސްފަދަ އިންސާނީ އެހީ ހިފައިގެންދާ ބޭރުގެ ބޯޓުތަކަށްވެސް އިސްރާއީލުން ޙަމަލާދީ އެފަދަ ބޯޓުތަކުގެ ފަޅުވެރިން މެރުމުގެ ޖަރީމާތައްވެސް އިސްރާއީލުން ދަނީ ހިންގަމުންނެވެ. (ނޫސްއެޖެންސީތައް)