13 Mar 2014, 17:58
ވޯކްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޖާވިދު (ޖާ) އެ ކުންފުނި ހިންގި ދުވަސް ވަރު އެ ކުންފުނީގެ ފައިސާ އަށް ހިޔާނާތްތެރިވެ، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަން ފަޅާއަރައިފި އެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން އިއްޔެ އާންމު ކުރި އެ ރިޕޯޓްގައިވާ ގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިންގި ވޯކްސް ކޯޕަރޭޝަންގެ އެމްޑީ ޖާ ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެ ކުންފުނިން ފައިސާ ނަގައިފަ އެވެ. އެގޮތުން ގުޅީފަޅުގައި ބޭއްވި ރަސްމިއްޔާތެއް ތައްޔާރުކުރުމަށް ޖާވިދުގެ އަމިއްލަ ކުންފުނިން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެއްވެސް ލިޔެކިޔުމަކާ ނުލައި 180،000ރ. އޭނާ ވަނީ ކުންފުނީގެ ބަޖެޓުން ނަގައިފަ އެވެ. އަދި ސްޕެޝަލް ޓޫލްސް ހިމެނޭ "ޓޯޓަލް ސްޓޭޝަނެއް" ބޭރުގެ ކުންފުންޏަކުން ގަތުމަށް ޓަކައި ޖާވިދުގެ އަމިއްލަ އެކައުންޓަށް 146،999ރ. ޖަމާކުރި ނަމަވެސް އެ ސާމާނު ކުންފުންޏަށް ގަނެފައި ނުވާ ކަމަށް ވެސް އޮޑިޓަރުން ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެކައުންޓަށް ޖަމާކުރި ފައިސާ ވެސް ކުންފުންޏަށް ލިބިފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އޮޑިޓަރުންގެ ރިޕޯޓުގައި އިތުރަށް ފާހަގަކުރި ސީރިއަސް އެހެން މައްސަލަތަކުގެ ތެރޭގައި އެ ކުންފުނީގެ ޗެއާމަން "ސްޕެޝަލް އެލަވަންސް"ގެ ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ބޯޑު މެންބަރުންގެ މުސާރަ އާއި އެލަވަންސްތައް ކަނޑައެޅުމުގެ އުސޫލުގެ ބޭރުން 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2012 ވަނަ އަހަރުގެ ނިޔަލަށް 600،000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާކަން އެނގެ އެވެ.
ވޯކްސް ކޯޕަރޭޝަން އަށް ސަރުކާރުން 34 ހަތަރު ޕްރޮޖެކްޓެއް ހަވާލުކުރި ނަމަވެސް އޭގެ ތެރެއިން 24 ޕްރޮޖެކްޓެއްގެ މަސައްކަތް އެއްގޮތަކަށް ވެސް ކޮށްފައި ނުވާ އިރު އެ ޕްރޮޖެކްޓްތަކުގައި ވެސް ބޮޑަތި އެތައް މައްސަލަތަކެއް ހުރިކަން އޮޑިޓަރުންގެ ރިޕޯޓުން ހާމަވެ އެވެ. އެގޮތުން ނ. ވެލިދޫ ބަނދަރުގެ މަސައްކަތް އެ ކުންފުނިން ހަވާލުކުރި ޑިޒައިން ބިލްޑް ސޮލިއުޝަން އިން އެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮށްފައި ނުވާތީ އެއްބަސްވުން ބާތިލްކުރި ނަމަވެސް އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން ދޫކުރި 1.7 މިލިއަން ރުފިޔާ އަނބުރާ ހޯދާފައެއް ނުވަ އެވެ. އަދި ރ. ފައިނުގެ ބަނދަރު ހެދުމަށް ހަވާލުކުރި، ކޯސްޓަލް ވެންޗާޒް އިން ކޮށްފައިނުވާ މަސައްކަތްތަކަށް 2.1 މިލިއަން ރުފިޔާ ވޯކް ކޯޕަރޭޝަނުން އެ ކުންފުންޏަށް ދިން ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. ޕްރޮޖެކްޓްތައް އަމިއްލަ ފަރާތްތަކާ ހަވާލު ކުރުމުގައި ވެސް އެ ކުންފުނިން އިސްކަން ދީފައި ވަނީ ކުންފުންޏަށް ވުރެ ބޮޑަށް އަމިއްލަ މީހުންގެ މަސްލަހަތަށް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާފައިވެ އެވެ.
އޭގެ އިތުރުން ވޯކްސް ކޯޕަރޭޝަނަށް އެކި ފަރާތްތަކުން ދައްކަން ޖެހޭ 134،055ރ. ހޯދަން އެކުންފުނިން އެއްވެސް މަސައްކަތްތަކެއްކޮށްފައި ނުވާ ކަމަށާއި ކުންފުނިން ވަޒީފާދޭ ގޮތާ ހިލާފަށް ބައެއް ފަރާތްތަކަށް ވަޒީފާދީ މުސާރަ އާއި އެލަވަންސްތައް ވެސް އަދި ޕްރޮމޯޝަން ވެސް ދީފައި ވަނީ އެއްވެސް އޫސޫލެއް ނެތި ކަމަށް އޮޑިޓްގައިވާ އިރު މިހާރު ސަރުކާރުން ވަނީ އެ ކުންފުނި އުވާލަން ނިންމާފަ އެވެ.
ޖާ އާއި ބެހޭ ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ އިރު ޖާއަކީ އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ކަމުގެ ތުހުމަތު ވެސް ކުރެވިފައިވާ މީހެކެވެ.