އިސްލާމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ "ވަގުފު ފަންޑު"ގެ 10 ބުރީގެ އޮފީސް އިމާރާތުގެ ބިންގާ އަންނަ ހޯމަ ދުވަހު އަޅާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

"ދާރުލް އީމާން"ގެ ބިންގާ އެޅުމަށް ހަމަޖައްސާފައި ވަނީ އެ އިމާރާތް އެޅުމަށް ހަމަޖެހިފައި މާފަންނު މަދަރުސާ އާއި ރައިވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮންނަ ހުސް ބިމުގަ އެވެ. އެ އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އައްޝައިހު ޝަހީމް އަލީ ސައީދު މިއަދު "ސަން" އަށް ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހަކީ އިސްލާމިކް މިނިސްޓްރީގެ ތާރީހުގައި ވެސް ވަރަށް އުފާވެެރި ދުވަހަކަށް ވެގެންދާނެ ކަމަށެވެ. އެގޮތުން އެ ދުވަހު ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި "ދާރުލް އީމާން"ގެ ބިންގާ ވެސް އެޅުމަށް ހަމަޖައްސާފައިވަނީ ވެސް އެ ދުވަހު ކަމަށް ޝަހިމް ވިދާޅުވި އެވެ.

"މިމަހުގެ 27 ވަނަ ދުވަހަކީ އިސްލާމިކް މިނިސްޓްރީގެ ތާރީހުގައި ވެސް އަންނަ ވަރަށް އުފާވެރި ދުވަހަކަށް ވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.

"ދާރުލް އީމާން"ގެ ނަމުގައި އެޅުމަށް ހަމަޖެހިފައިވާ 10 ބުރީގެ އިމާރާތަކީ ވަގުފު ފަންޑު މުއްސަންދި ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އެޅުމަށް ނިންމާފައިވާ އިމާރާތެކެވެ. އޮފީސް އިމާރާތެއްގެ ގޮތުގައި އަޅާ މި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާ ވަގުފު ފަންޑަށް ޖަމާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިމާރާތުން ތިން މިލިއަން އަށް ވުރެ ގިނަ ރުފިޔާ އަހަރަކު ވަގުފު ފަންޑަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އެ އިމާރާތަކީ 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން އަޅާ އިމާރާތެކެވެ.

އަންނަ ހޯމަ ދުވަހު އިސްލާމިކް މިނިސްޓްރީން ކުރުމަށް ކަނޑައަޅާފައިވާ އެހެން ބައެެއް ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި އަތޮޅުތަކުގައި ވެސް ވަގުފު ފަންޑުގެ އިމާރާތްތައް އެޅުމުގެ މަޝްރޫއު ފެއްޓެވުމުގެ ގޮތުން ލޯކަލް ގަވާންމަންޓް އޮތޯރިޓީއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން ގުރުއާނާ ބެހޭ މަރުކަޒުގައި ދުރުންދޭ ތައުލީމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ކޫއްޑޫގައި ގާއިމްކޮށްފައިވާ ވެލިވަރު ކުންފުނީގެ މަހުން އުފައްދާފައިވާ ފަސް ބާވަތެއްގެ ޕްރޮޑަކްޓަށް "ހަލާލް" ލޯގޯ ދޫކުރުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.