ރަޝިޔާގެ ގިނަ އަދަދެއްގެ ސިފައިންނާއި ބަރުހަތިޔާރުތައް ޔުކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފި އެވެ.

ޔުކްރޭންގެ ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލްގެ ސެކްރެޓަރީ އެންޑްރީ ޕަރޫބީއާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ބުނީ ރަޝިޔާގެ 80000 ސިފައިން ސަރަހައްދީ ރޮނގަށް ޖަމާވެފައިވާ ކަމަށެވެ. ރަޝިޔާގެ 270 ޓޭންކާއި ހަތިޔާރު އެޅި 180 ވެހިކަލާއި 380 ބޮބަޑި އާއި 140 މަތިންދާބޯޓާއި 90 ހެލިކޮޕްޓަރާއި 19 މަނަވަރު ވެސް ޔުކްރޭން ކައިރިއަށް ޖަމާކޮށްފައިވާ ކަމަށް ވެސް ޕަރޫބީއާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

ޕަރޫބީ ވިދާޅުވެފައި ވަނީ ރަޝިޔާ ސިފައިން ޖަމާވަމުން އަންނަ ގޮތުން ޔުކްރޭންގެ ވެރިރަށް ކިއޭވް އެ މީހުންގެ އަތް ދަށުން ސަލާމަތް ނުވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

ރަޝިޔާ ސިފައިންގެ ތަމްރީނުތަކެއް ބާއްވާކަން އެ ގައުމުން ވަނީ ކުރިން އިއުލާންކޮށްފަ އެވެ. ރަޝިޔާ ސިފައިން ޔުކްރޭން ކައިރިއަށް ޖަމާވާން ފަށާފައި މި ވަނީ އެސަރަހައްދުގައި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) ގެ ސިފައިންގެ ތަމްރީނުތަކެއް ވެސް ބާއްވާފައި ވަނިކޮށެވެ.