ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިންގައި، ކުރީގެ ރައީސް މައުމޫން އަބުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވިއަސް ރައްޔިތުން ކަންބޮޑުނުވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގޮވައިލައްވައިފި އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީން ކުރިމަތިލެއްވި ކެންޑިޑޭޓުން ތައާރަފް ކުރުމަށް ވިލިމާލޭ މުޙިއްޔުއްދީން ސްކޫލްގައި ރޭ ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބުން މޮޅުވުމުގެ އިތުރުން އެމަނިކުފާނަށް އެންމެ ފަރިތަކަމަކީ ރައީސް މައުމޫނާ ކުރިމަތި ލެއްވުން ކަމަށެވެ.


"އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ވަރަށް ފަރިތަކަމެއް އޮވޭ، އިންތިހާބުން މޮޅުވުމުގެ އިތުރުން، މި ފަހަކަށް އައިސް އަޅުގަނޑު ގާތުގައި ދެތިން ފަހަރަކު ބުނާތީ އެބަ އަޑުއަހަން އަދި އެހެން މީހުންވެސް އެބަ ބުނޭ ކުރީގެ ރައީސް މައުމޫނު ވަޑައިގަންނަވަނީއޭ. އަޅުގަނޑު އެއަށް ވުރެ ވަކި ފަރިތަކަމެއް ނޯންނާނެ. އެހެންވީމާ އަޅުގަނޑު ދަންނަވަން އޮތް ވާހަކައަކީ، އެމްޑީޕީގެ 50000 މެންބަރުން އެކަންޏެއްނޫން ރާއްޖޭގެ 350000 ރައްޔިތުން ވެސް އެއްގޮތަކަށް ވެސް ކަންބޮޑުވެ ނުލައްވާށޭ. އަޅުގަނޑު އެބަ ހުރީމު، އަޅުގަނޑާ އެއްވަރަށް އަޅުގަނޑަށް ވުރެ ވަކި ރަނގަޅަށް އެކަން ދަންނަ މީހަކު ނޫޅޭނެ. އެހެންވީމާ ތިޔަ ބޭފުޅުން އެކަމަކާ ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެއްނެތް. އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ. އަޅުގަނޑު ރައްޓެހި އަންހެން ބޭފުޅެއް އަޅުގަނޑާ އެއް އުމުރެއްގެ އަމީނިއްޔާ ކުއްޖެއް، އަޅުގަނޑު ކައިރީގައި އިހަކަށް ދުވަހަކު ބުނެފި ދެން ހާދަ ދެރަކަމެކޭ ތިޔަ ކުލާހު ހުރިހާ ކުދިންގެ އަތުން ބަލިވަންހޭ[ ރައީސް މައުމޫން] އެ ވަޑައިގަންނަވަނީ. މިހާރު އަޅުގަނޑު އަތުން ވެއްޖެޔޭ، ތަސްމީން އަތުން ވަހަރޭ އެ ދަނީ. ދެން ތިމަންނަމެން ވެސް ތިބެންވީހޭ އިންތިހާބެއް އައިއްޔާ ހަމަ ބަލިކުރަން،"


ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލްތައް އުފައްދައިގެންނޫނީ ރައްޔިތުން އުއްމީދު ކުރާ އަނެއް ދިވެހި ރާއްޖެ ނުލިބޭނެ ކަމަށާއި ތަރައްގީ ހޯދުމަށް އެންމެ މުހިއްމު އެއްއަސާސެއްގެ ގޮތުގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ އެއް މަސައްކަތަކީ ލޯކަލް ކައުންސިލްތައް ކަމަށާއި އެމްޑީޕީން އެ އިންތިހާބު ކާމިޔާބުކުރަން ޖެހޭނެ ކަމަށެވެ. އަދި ބޭނުންފުޅު ވަނީ ހުދުމުހުތާރު ވެރިކަމަކުން ޑިމޮކްރަސީގެ ރީތި އުސޫލަށް ނުވަތަ ރައްޔިތުންގެ ރުހުމާ އެކީގައި ވެރިކަން ކުރެވޭ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އަދި ބޭނުންވާ ތަރައްގީ ހޯދުމުގެ އެންމެ ބޮޑު އަސާސަކީ މިފެށޭ އިންތިހާބުކަމަށާއި އެމްޑީޕީގެ މެންބަރުނަށް ކައުންސިލް އިންތިހާބުގައި ވޯޓުދެއްވުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވި އެވެ.


ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުމުގެ ސަބަބުން މަގާމުން ވަކިވެވައިގަންނަވަން ޖެހިވަޑައިގަތް، ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، މިހާރު ރައްޔިތުން އުފައްދާ ސުވާލަކީ، މި އިންތިހާބަށް ޑީއާރުޕީން ކުރިމަތިލާންޖެހޭތޯ އާއި އެ ޕާޓީއަށް ވޯޓުދޭން ޖެހޭތޯ ކުރެވޭ ސުވާލު ކަމަށެވެ. އަދި އެއީ ސިޔާސީ ޕާޓީއެއްނޫން ކަމަށް ވިދާޅުވެ، ކައުންސިލް އިންތިހާބުގައި އެއްވެސް ރައްޔިތަކު ޑީއާރުޕީގެ މެންބަރުންނަށް ވޯޓު ނުދެއްވުމަށް ވެސް ޑރ. ޝަހީދު އެދިވަޑައިގެންނެވި އެވެ.


"އެމްޑީޕީ އަށް ވޯޓު ދިނީމާ ފައިދާ ވާނެ، ބޭރުގެ ދުނިޔޭގެ ވަރަށް ބޮޑު އިތުބާރު އޮންނަ ޕާޓީއެއް އެމްޑީޕީއަކީ. ނަމަވެސް ޑީއާރުޕީއަކީ ބޭރު ދުނިޔޭގައި ފަލީހަތްވެ، އެއްވެސް ތާއީދެއް އޮތް ޕާޓީއެއް ނޫން. ފެން އޮތް ތާކަށް މަސް އަންނާނީ. އިދިކޮޅު މީހުންގެ ހިޔާލު މިހާރު އަންނަނީ އެމްޑީޕީގެ ފިކުރާ އެއްގޮތަށް ބަދަލުވަމުން،"


މަޖިލީހުން ރުހުން ނުލިބިގެން މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ މަޖިލީހުން އޭނާ އަށް ރުހުން ނުދިނީ އެއްވެސް ކަމެއް ކުރައްވައިގެންނޫން ކަމަށެވެ. އަދި އެޑިއުކޭޝަން ދާއިރާގައި މިހާތަނަށް އޭނާ ކުރައްވާފައިވާ ހުރިހާ ކަމަކީ ރަނގަޅު ކަންތައްތައް ކަމަށާއި މިނިސްޓަރު ކަމުގެ މަގާމުގައި އޭނާ ނުހުންނެވިއަސް އެ ކަންތައްތައް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ތައުލީމީ މަންހަޖުގައި އިސްރާއީލްގެ ސަގާފަތް ކިޔަވައިދިނުމަށް ހިމަނާފައިވުމާ ގުޅިގެން އަދާލަތު ޕާޓީ އާއި ދީނީޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްސަލަފުން ޑރ. މުސަތަފާއަށް ފާޑުކިޔާފައިވާ މައްސަލައަށް އަލި އަޅުއްވައިލައްވަމުން އޭނާ ވިދާޅުވީ، އެޑިއުކޭޝަން ދާއިރާގައި ކުރެއްވި ކަންތައްތައް ކުރެއްވީ ސަލަފާއި އަދާލަތުން ރުޅި އަންނާނެކަން އެނގިވަޑައިގަންނަވައިގެން ކަމަށެވެ. އަދި އެފަރާތްތައް އިސްލާމް ދީން ހަތިހާރެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ ޑރ. މުސްތަފާ ވަނީ އެ ދެ ފަރާތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.