13 Mar 2014, 16:55
އިޓަލީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސްއާ އެކު ކުރިން ހަދާފައިވާ ކޮންޓްރެކްޓް ވަރަށް އަވަހަށް އާކުރާނެ ކަމުގައި އެކްލަބުގެ ތަރި އަންދްރޭ ޕިރްލޯ ބުނެފި އެވެ.
މިސީޒަނު ނިމުމުން ތަޖުރިބާކާރު މިޑްފީލްޑަރު ޕިރްލޯގެ އެންމެ ފަހުގެ ކޮންޓްރެކްޓް ހަމާވާނެ އެވެ. އެ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ޕިރްލޯގެ ކޮންޓްރެކްޓް އާކުރާނެ ކަން އޭނާ އިއުލާން ކުރުމުގެ ޔުވެންޓަސްގެ އުންމީދުތައް ވަނީ އާވެގެން ގޮސްފަ އެވެ.
"އާ ކޮންޓްރެކްޓެއްގައި އަހަރެން އަދި ސޮއި ކޮށްފައެއް ނުވާނެ. އަހަރެމެން މިދަނީ ބައެއް ކަންތައްތަކާ މެދު ވާހަކަ ދައްކަމުން. އެކަމަކު އަހަރެން ކްލަބު ދޫކޮށްލާފައެއް ނުދާނަން. މި ހުރިހާ ކަމެއްގެ ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ." ޕިރްލޯ ބުންޏެވެ. "މި ކަންތައްތައް ހައްލުނުވެގެން މިއުޅެނީ ދެފަރާތަށް ވަގުތު ނުލިބުމުގެ ސަބަބުން."
ޕިރްލޯ ބުނީ، ޔުވެންޓަސްގެ ކޯޗު އެންޓޯނިއޯ ކޮންޓެ އާއިި އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފުރަތަމަ އެގާރައިން ޖާގަ ނުލިބޭ ނަމަ، ބައެއް ކަންތައް އެހެން ދިމާވެދާނެ ކަމަށެވެ.
"އަހަރެންނާއި ކޯޗާއި ދެމެދު އެއްވެސް މައްްސަލައެއް ނެތް. ބައެއް ފަހަރު ދެބަސްވުންތައް ކުރިއަށްދޭ. ޓީމުން ބޭރުވެ، ބެންޗުގައި އިންނާކަށް އެއްވެސް ކުޅުންތެރިއަކު ހިތްހަމައެއް ނުޖެހޭނެ." އޭނާ ބުންޏެވެ. "ނަމަވެސް އެއީ މާ ބޮޑެތި މައްސަލަތަކެއް ނޫން. ކޮންޓެ އަކީ އަހަރެންނާއި ދިމާވި އެންމެ ރަނގަޅު އެއް ކޯޗު. އޭނާ ޓީމު ނަގާނީ އެންމެ ރަނގަޅު ގޮތަށް."
ޔޫރޮޕާ ލީގު ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ޔުވެންޓަސް އިން ފިއޮރެންޓީނާއާ ދެކޮޅަށް ނުކުންނާނެ އެވެ. އަމިއްލަ ދަނޑުގައ ފިއޮރެންޓީނާއާ ދެކޮޅަށް ޔުވެންޓަސް ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 01:05 ގަ އެވެ.