ބާސެލޯނާ އަކީ ބައްޔަކަށް ފަހު މާޔޫސްވާނެ ބައެއް ނޫން ކަމުގައި އެކްލަބުގެ ބްރެޒިލް ޑިފެންޑަރު ޑަނީ އަލްވޭސް ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އެންމެ ފަހުން ކުޅުނު މެޗުން ވަނީ ވަޔަޑޮލިޑް އަތުން 1-0 ލަނޑުން ބަލިވެފަ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި 2-1 ލަނޑުން މޮޅުވެ، މެންޗެސްޓާ ސިޓީ އަށް ރޭ ވަނީ އޭގެ ރައްދު ވަރަށް ރަނގަޅަށް ދީފަ އެވެ.

"ދެވަނަ ބުރަށް ދެވުނީމަ މިހިރީ ވަރަށް އުފާވެފައި. ކަންތައްތައް ގޯސްކޮށް ދިއުމުން، އަބަދުވެސް އޭގެ ފާޑުކިޔުންތައް އަމާޒުވާނެ." މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ފަހު ލަނޑު ކާމިޔާބުކޮށްދިން އަލްވޭސް ބުންޏެވެ. "އަހަރެންނަށް ގޯލު ޖެހުމުން އުފާކުރަން. އަދި ޓީމު ދެއްކި ކުޅުމާއި މެދު ވެސް ހިތްހަމަޖެހޭ."

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރުކުރި އިރު، ސްޕެނިޝް ލަލީގާގައި އެ ޓީމު އޮތީ ދެވަނާގަ އެވެ. އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ބާސާއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. ސީޒަން ނިމެންދެން ބާސާ އަށް ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި އަލްވޭސް ބުނެފައިވެ އެވެ.

"އަހަރެމެން އެކުގައި އެއް ޓީމެއްގެ ގޮތުގައި ކުޅޭ ނަމަ، ޓީމު ވަރުގަދަވާނެ. މިކަމަށް ޓަކައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް މުހިންމު. އަހަރެމެންނަކީ ބާސާ. އަދި އަހަރެމެން މި ޖާޒީ ހިމާޔަތް ކުރުމަށް އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކުރާނަން." އަލްވޭސް ބުންޏެވެ.