އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް މުހައްމަދުގެ މަގާމު ގެއްލިއްޖެ ކަމަށް ސުޕްރީމްކޯޓުން ކުރި ހުކުމަކީ ރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން ބުނެފި އެވެ.

އީޔޫއިން މިހެން ބުނީ އެޔޫނިއަންގެ ހައި ރެޕްރެޒެންޓެޓިވް ފޯ ފޮރިން އެފެއާޒް ކެތަރިން އެޝްޓަންގެ ތަރުޖަމާނު އިއްޔެ ނެރުއްވި ބަޔާނެއްގަ އެވެ.

"... އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ޑިސްކޮލިފައިކޮށް، ރައީސް ޖަލަށް ލުމަށް އަދި ކޮމިޝަނުގެ ހުރިހާ މެމްބަރުން ކޯޓްގެ ހުރުމަތް ކެނޑި ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމާ މެދު ހައިރެޕްރެޒެންޓެޓިވް ނިހާޔަތަށް ކަންބޮޑުވެވަޑައިގަންނަވަ އެވެ. މިއީ ގައުމު ޑިމޮކްރަސީއަކަށް ބަދަލުވުމަށް އެޅުނު ސީރިއަސް ހުރަހެކެވެ،" އީޔޫގެ ބަޔާނުގައި ވެއެވެ.

ގާނޫނު އަސާސީގައިވާ ތާރީހުގައި ޕާލަމެންޓްރީ އިންތިހާބު ބޭއްވުމަށް އޭނާ ގޮވައިލައްވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"... ގާނޫނު އަސާސީގައިވާ ސުންގަޑިއަށް ، އަދި އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމަށް އިހުތިރާމް ކުރާ ހާލު، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޕާލަމެންޓްރީ އިންތިހާބު ފުރިހަމަ ކުރުމަށް ހައި ރެޕްރެޒެންޓެޓިވް ރާއްޖެއަށް ގޮވައިލައްވައެވެ،" ބަޔާނުގައިވެ އެވެ.