ކޮަރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މިދިޔަ އަހަރު ފޮނުވި މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަގު ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

އޭސީސީން މިއަދު އާންމު ކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ކޮމިޝަނުން މިދިޔަ އަހަރު ޕީޖީ އަށް 57 މައްސަލައެއް ފޮނުވައި 115 މީހެއްގެ މަައްޗަށް ދައުވާ ކުރަން އެދިފައިވެ އެވެ. އަދި އެ މީހުންގެ މައްޗަށް ޖުމްލަ 178 ދަައުވާއެއް ކުރުމަށް ވެސް އޭސީސީ އިން އެދިފައިވާ ކަމަށް އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައިވެ އެވެ.

ޕީޖީއަށް ފޮނުވި މައްސަލަތަކުގައި ހިމެނެނީ 964.9 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 108.2 މިލިއަން ރުފިޔާއަކީ ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެ އެވެ.

ނާޖައިޒް ފައިދާ ހޯދައި ދިނުމާއި ނާޖައިޒް ފައިދާ ހޯދުމުގެ ކުށުގައި 107 ދައުވާއެއް ކުރުމަށް ޕީޖީގައި އޭސީސީން ވަނީ އެދިފަ އެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބައްދަލުގައި 27 ދައުވާއެއް ކުރުމަށާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްގެން 20 ދައުވާއެއް ކުރުމަށާއި ކޮމިޝަންގެ ނިންމުމަށް ތަބާނުވެގެން އަށް ދައުވާއެއް ކުރުމަށް ވެސް އޭސީސީން ވަނީ ޕީޖީގައި އެދިފަ އެވެ. އަދި ރިޝްވަތާއި ހިޔާނާތުގެ ކުށުގައި ނުވަ މީހަކަށް ދައުވާ އުފުލުމަށް ވެސް ޕީޖީން ވަނީ އެދިފަ އެވެ. އަދި ދޮގު މައުލޫމާތު ދިނުމާއި ހެކި ފޮރުވުމާއި ކުށެއް ކުރަން އުޅުމުގެ ކުށުގައި ތިން ދައުވާއެއް އުފުލުމަށް މިދިޔަ އަހަރު ޕީޖީގައި އޭސީސީން ވަނީ އެދިފަ އެވެ.

އޭސީސީ އަށް ގާނޫނުން މަތިކޮށްފައިވާ ވާޖިބުގެ ތެރެއިން މުއައްސަސާތަކުގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމަށް މިދިޔަ އަހަރު 265 އެންގުމެއް ތަފާތު އެކި މުއައްސަސާތަކަށް އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

މިދިޔަ އަހަރު އޭސީސީ އިން ވަނީ 620 މައްސަލައެއް ބަލައި ނިންމާފަ އެވެ. އޭގެ ތެރެއިން ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އަދި ކޮރަޕްޝަންގެ އަމަލަކަށް ނުވާތީ 504 މައްސަލަ ނުބަލައި ދޫކޮށްލާފައިވެ އެވެ. އަދި މިހާތަނަށް ބަލައި ނުނިމި ހުރި މައްސަލަތައް ވަނީ 2280އަށް އަރާފަ އެވެ.