13 Mar 2014, 15:40
ދ. ހުޅުދެލީގެ ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
އެކަށީގެންވާ ނަރުދަމާ ނިޒާމުގެ ހިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ހުޅުދެލީގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝިހާމް އަލީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.
ސޮއިކުރެއްވުމަށް ފަހު އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް ވިދާޅުވީ އެފަދަ ޕްރޮޖެކްޓް ތަކަކީ އަބަދު ވެސް ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެއް ކަމަށާއި ކޮންޓްރެކްޓްގައިވާ މުއްދަތުގެ ތެރޭގައި މިފަދަ އަގު ބޮޑު މަސައްކަތްތައް ނިންމުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތާގައި ވެސް ގިނަ ރަށްތަކެއްގެ ނަރުދަމާގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ތާރިގް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ދިރިއުޅޭ ތަނުގެ ފެން ތަޣައްޔަރު ވިޔަ ނުދިނުން މުހިންމު ކަމަށާއި މިއަދު އެމްޓީސީސީއާ ހަވާލުކުރި މަސައްކަތަކީ މި ސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ފަދައިން ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުދެލީގައި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ކަމަށެވެ. ސިޔާމް އިތުރަށް ވިދާޅުވީ މިހާރު އޮތް ކޯލިޝަން ސަރުކާރުން ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އޭގެ އިތުރުން މިފަދަ ޕްރޮޖެކްޓް ތަކަކީ ރައްޔިތުންނަށް ޓަކައި ހިންގާ ޕްރޮޖްކްޓްތައް ކަމަށާއި މިފަދަ ކަންކަމުގައި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.
އެންވަޔަރަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހު ވިދާޅުވީ މިއަދު އެމްޓީސީސީއާ ހަވާލުކުރި ޕްރޮޖެކްޓަކީ 22.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި މުޅި ޕްރޮޖެކްޓަކީ ސަރުކާރުގެ ބަޖެޓްގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 18 މަސް ދުވަސް ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.