13 Mar 2014, 14:33
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިނިވަންކަން ރައްކާތެރިވެ، ވަރުގަދަވާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާ އިން މިހެން ބުނީ އީސީގެ ރައީސަކަށް ހުންނެވި ފުއާދު ތައުފީގާއި ނައިބު ރައީސް ފަޔާޒް މުހައްމަދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ މެދު ކަންބޮޑުވުން ފާޅުކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.
"... ކޮމިޝަނުގެ މިނިވަންކަން ރައްކާތެރި ކުރެވި، ވަރުގަދަ ވެގެންދާނެ ކަމަށް އަހަރެމެން އުއްމީދުކުރަމެވެ. އަދި ކުރިއަށް އޮތް ޕާލަމެންޓްރީ އިންތިހާބަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް އުއްމީދުތަކާ އެއްގޮތަށް، މިނިވަންކަމާ އިންސާފުވެރިކަމާ އެކު ބޭއްވޭ އިންތިހާބަކަށް ވެގެންދާނެ ކަމަށް ވެސް އުއްމީދުކުރަމެވެ،" ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ އީސީގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރިކަން ފާހަގަ ކުރަނީ ކަންބޮޑުވުމާ އެކުގައި ކަމަށެވެ.
"... އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރިކަން އަދި ކޮމިޝަނުގެ ރައީސް ޖަލަށް ލުމަށް ހުކުމް ކުރިކަން އިންޑިއާ ސަރުކާރުން ކަންބޮޑުވުމާ އެކު ފާހަގަ ކުރެ އެވެ. ގާނޫނުގެ ބާރަށާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އަށް އިހުތިރާމު ކުރުމަށް، ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން އަހަރެމެން ގޮވައިލަމެވެ،" ބަޔާނުގައިވެ އެވެ.
ޝެޑިއުލް ކޮށްފައިވާ ގޮތަށް މިމަހުގެ 22 ވަނަ ދުވަހު އިންތިހާބު ބާއްވަން ސަރުކާރުން އަހަންމިއްޔަތުކަން ދޭތީ އިންޑިއާ އިން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހަށް 2012 ވަނަ އަހަރުން ފެށިގެން އައި ބަދަލުތަކާ ގުޅިގެން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވި އެވެ. އެއަށް ފަހު ގުޅުން އަލުން ރަނގަޅުވާން ފެށީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބުދުލްގައްޔޫމު ރިޔާސަތަށް އިންތިހާބުވުމާ ގުޅިގެންނެވެ.