އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ ޗާޗިލް ބްރާދާސް އަތުން ނިއު ރޭޑިއަންޓް ބަލިވި ނަމަވެސް ނިއުގެ އުންމީދުތަކަށް ބަދަލެއް ނާންނަކަމުގައި އެކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށް ނިއު ކުޅުނު މެޗުން ބަލިވެފައި ވަނީ 3-0 ލަނޑުންނެވެ. ޗާޗިލް ބްރާދާސް އަތުން ބަލިވި ކަމުގައި ވިޔަސް ބަލަކް ވިދާޅުވީ، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމާއި ދިވެހި ލީގު މިލްކު ކުރުމާއި ގައުމީ ތަށި މިލްކު ކުރުމުގެ ޓާގަޓަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަގީގަތުގައި މި އަހަރު ދިވެހި ލީގު މިލްކުކުރުން، ގައުމީ މުބާރާތް މިލްކުކުރުން، އެ އަމާޒުން ކައްސާލިއަކަ ނުދޭނަން. އަދި އިރާދަކުރެއްވިއްޔާ ހަމަ އޭއެފްސީ ކަޕުން ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުން އަދިވެސް އެއީ އަޅުގަނޑުމެންގެ ޓާގެޓެއްގެ ގޮތުގައި މި ދެކެނީ." މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ނިއު އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަލަކް ވިދާޅުވި އެވެ.

ޗާޗިލް ބްރަދާސް އާއި ނިއު ކުޅުނު މެޗާއި ބެހޭ ގޮތުން ބަލަކް ވިދާޅުވީ، ނިއު ބަލިވީ ބޮޑު ރޭވުމަކުން ކަމަށާއި، އެއީ ރާއްޖޭ އާއި އިންޑިއާގެ ވާދަވެރިކަމުގެ ސިލްސިލާގެ ތެރެއިން ހިނގި ކަމެއް ކަމަށެވެ.

"އިންޑިއާގެ ޗާޗިލް ބްރަދާސްގެ މެޗު ދިޔަ ގޮތުން އަޅުގަނޑުމެން ވަރަށް ހިތާމަކުރަން. އެ މެޗުގައި ކްލަބަށް ވަރަށް ގިނަ ގޮތްގޮތުން ވަނީ އުނދަގޫތަކާއި ކުރިމަތިވެފައިވާކަން ވެސް ހިތާމައާ އެކު ފާހަގަކުރަން. މެޗުގައި ހިނގައިދިޔައީ ވަރަށް ބޮޑު ރޭވުމެކޭ އަޅުގަނޑު ދަންނަވާނީ. އެއީ ހަމަ ރާއްޖެއާއި އިންޑިއާ އާ ފުޓްބޯޅައިގައި މި އޮންނަ ވާދަވެރިކަމުގެ ސިލްސިލާގެ ތެރެއިން ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ." ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ، މިސީޒަނުގެ ދިވެހި ލީގު ލަސްވަމުން ދިއުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރީ ނިއު އަށް ކަމަށެވެ.

"ސަޕޯޓަރުންނަށް އަޅުގަނޑުމެން ދަންނަވާލަން މިސީޒަނުގެ ޝެޑިއުލް އަށް މިވީ ގޮތުން ހަގީގަތުގައި އެންމެ ބޮޑު އަސަރެއް ކުރަމުން މިދަނީ އަޅުގަނޑުމެންގެ ކްލަބުގެ ރޭވުންތަކަށް ކަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އޭއެފްސީ ކަޕަށް ފަހު، ޖޫންގައި އަޅުގަނޑުމެން ބިދޭސީ ފޯވަޑެއް ވެސް ޓީމުގައި ބަހައްޓާނަން. އެ ޔަގީންކަން އަޅުގަނޑުމެން ދެން." ބަލަކް ވިދާޅުވި އެވެ.

ނިއުގައި ހެޑް ކޯޗެއް ނެތުމުގެ ސަބަބުން އެކަމަށް އެކްލަބުން މިހާރު ވަނީ ހައްލެއް ގެނެސްފަ އެވެ. ނިއު އިން ވަނީ އެކްލަބުގެ ކޯޗަކަށް އިނގިރޭސިވިލާތުގެ ސައިމަން މެކްމެނެމީ ހަމަޖައްސައިފަ އެވެ. ނަމަވެސް އެ ކޯޗު ޓީމާ ހަވާލުވާނީ ހަމައެކަނި އޭއެފްސީ ކަޕަށެވެ.