ޓީޗަރުންނަށް ހާއްސަ ކޮށްގެން އިމާރާތް ކުރި ފްލެޓެއް ކަމަށްވާ "އެދުރުހިޔާ" ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ހުޅުއްވައި ދެއްވައިފި އެވެ.

އެ އިމާރާތަކީ މާލޭގެ ސުކޫލްތަކާއި އެޑިއުކޭޗަން މިނިސްޓްރީގެ މުވައްސަސާތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން މާލޭގައި އަމިއްލަ ގެދޮރުނެތް ފަރާތްތަކަށް ހެޔޮ އަގެއްގައި އެ ހިދުމަތް ދިނުމަށް ބިނާ ކޮށްފައިވާ އިމާރާތެކެވެ.

މާލޭ ޖަލު ފުރަގަހުން ހަދާފައިވާ އެއިމާރާތަކީ 7325 އަކަފޫޓްގެ 10 ބުރީގެ އިމާރާތެކެވެ. އެއިމަރާތުގައި އެއް ކޮޓަރީގެ 18 ފްލެޓާއި ދެ ކޮޓަރީގެ 62 ފްލެޓް ހުރެ އެވެ. އަދި އެ އިމާރާތުގެ އެންމެ ތިރީގައި 3000 އަކަފޫޓްގެ ގުދަނަކާއި ޕާކިން އޭރިއާއެއް ވެސް އޮވެ އެވެ.

އެ އިމާރާތް ކޮށްފައި ވަނީ ތައުލީމީ ފަންޑަށް އިސްލާމިކް ބޭންކުން ނެގި 62 މިލިއަން ރުފިޔާގެ ލޯނަކަށެވެ.

އެ ފްލެޓަށް އެދުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވެ އެވެ.

އެޑިއުކޭޝަންގެ އޮފިޝަލަކު ވިދާޅުވީ ބެލެވޭ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތެރޭގައި އެ ފްލެޓްތަކަށް މީހުންނަށް ބަދަލުވެވޭނެ އެވެ.

މިއީ ތައުލީމީ ފަންޑުން ކުރި އެންމެ ބޮޑު އިންވެސްޓްމަންޓެވެ. ތައުލީމީ ފަންޑަކީ ތައުލީމީ ދާއިރާ ކުރިއެރުވުމަށް 1956 ވަނަ އަހަރު އެކުލަވާލާފައިވާ ފަންޑެކެވެ.