13 Mar 2014, 13:59
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ސެޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީ ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަމަށް ފުލުހުން ކްރިމިނަލް ކޯޓަށް އަންގައިފި އެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ޒަކީ ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް މިމަހުގެ 9 ވަނަ ދުވަހު އެ ކޯޓުން ވަނީ ނެރެފަ އެވެ. އަދި މިއަދު ހެނދުނު 9:00 އަށް ކޯޓަށް ހާޒިރުކުރުމަށް ވެސް އެ އަމުރުގައި ވަނީ އަންގައިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ޒަކީ ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުން އޭނާ ހާޒިރުކޮށްދެވެން ނެތް ކަން ކޯޓަށް އަންގާފައިވާނެ ކަމަށެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ޒަކީ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިފަައި ވަނީ 2010 ވަނަ އަހަރު ހދ. ހޮނޑައިދޫން މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ކުރާ ދައުވާ އާ ގުޅިގެންނެވެ.
ދައުލަތުން ޒަކީގެ މައްޗަށް ދައުވާއަކީ ކޮށްފައި ވަނީ ބަނގުރާ ގެންގުޅުމުގެ ދައުވާ އާއި ކުޑަކަމުދާތަކެތި ދިނުމަށް ޒަކީ އިންކާރުކޮށްފައިވާ ކަމުގެ ދައުވާ އެވެ.