13 Mar 2014, 13:48
ޓީޗަރުންގެ އިތުރުގަޑީގެ ފައިސާދޭ މިންވަރު މިމަހުން ފެށިގެން ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކޮށްފި އެވެ.
އެކަން މިއަދު އިއުލާން ކުރީ "އެދުރުހިޔާ" ހުޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
އެމަނިކުފާނު ވިދާޅުވީ އިތުރު ގަޑީގެ ފައިސާ ފަސް ޕަސެންޓް އަށް އޮތުމުން ތައުލިމީ ދާއިރާ އަށް ޝައުގުވެރި ފަރާތްތައް ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން "މިމަހުން ފެށިގެން ޓީޗަރުންގެ އިތުުގަޑީގެ ފައިސާދޭ މިންވަރު ފަސް ޕަސެންޓުން ވަނީ 10 ޕަސެންޓް އަށް ބޮޑުކުރެވިފައި" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތަކަށް މިސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. އެގޮތުން މުދައްރިސުން ތައުލީމު ހާސިލު ކުރާ އިރު މުސާރަ އާއި އެއްވަރުގެ އެލަވަންސެއް ދިނުމަށް މިހާރު ނިންމާފައި ވާތީ އެކަން ފާހަގަކުރެއްވި އެވެ.
އެދުރުހިޔާގެ ސަބަބުން އެތައް މުދައްރިސުންނަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހެޔޮ އަގުގައި ލިބޭނެ ކަމަށާއި ސަރުކާރުން ގެންދާ ބޯހިޔާވަހި ކަމުގެ ޕްރޮގުރާމްތަކާއި އެހެނިހެން ޕްރޮގުރާމްތަކުގައި ވެސް ޓީޗަރުންނަށް އިސްކަން ދެއްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިޔާމް ވިދާޅުވީ ޓީޗަރުންނަށް ހެޔޮ ގޮތްތައް ހަމަޖައްސައި ދިނުމަކީ ތައުލީމީ ދާއިރާ ކުރިއަރާނެ ކަމެއް ކަމަށާއި އެކަން މިސަރުކާރުން ކުރާނެ ކަމަށެވެ.
ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އިން ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި އެ އޮނިގަނޑުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ޓީޗަރުންގެ މުސާރަ އަށް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓީޗަރުން އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ކުރިން ފައިސާ ދެނީ މުސާރައިގެ ފަސް ޕަސެންޓަށްވާ ވަރަށެވެ.