ރާއްޖޭގެ ގައުމީ ޓީމްގެ ކޯޗުކަމަށް ގެންނަން މަސައްކަތްކުރި އިނގިރޭސިވިލާތުގެ ސައިމަން މެކްމެނެމީ، ނިއު ރޭޑިއަންޓްގެ ކޯޗުކަމަށް ހަމަޖައްސައިފި އެވެ.

މި ސީޒަނަށް ނިއު ރޭޑިއަންޓަށް ގެނައި ސްޕެއިންގެ ކޯޗު އެންޖެލް ޕެރޭޒް ގާސިއާ ކްލަބު ދޫކޮށް، މި މަހުގެ ކުރީކޮޅު ދިއުމާއި ގުޅިގެން އެކްލަބުގެ ކޯޗުކަން ވަގުތީ ގޮތުން ކުރަމުން ދަނީ އެސިސްޓަންޓް ކޯޗު އިސްމާއިލް އަނިލް އެވެ.

މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ނިއު އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ އެކްލަބުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ނިއު އަށް ކޯޗެއް ލިބިފައިވީ ނަމަވެސް މި ކޯޗު ނިއު އާއެކު މަސައްކަތްކުރާނީ ހަމައެކަނި އޭއެފްސީ ކަޕްގައި އެކަނި ކަމަށެވެ.

"އެފަދަ ކޯޗެއް ހޯދުމަށް އަޅުގަނޑުމެން ވަރަށް މަސައްކަތްކޮށް، އިރާދަކުރެއްވިިއްޔާ މިހާރު މިވަނީ އަޅުގަނޑުމެން ބޭނުންވި ވަރުގެ ރަނގަޅު ތަޖުރިބާ ހުރި ކޯޗެއް އޭއެފްސީ ކަޕަށް ލިބިފައި. އަޅުގަނޑުމެން ވިސްނައިގެން މިތިބީ މި ކޯޗާއި އެއްކޮށް އޭއެފްސީ ކަޕް ކުރިއަދާން. އެއީ އެ ކޯޗުގެ އެހެން މަސައްކަތްތައް ޖޫންގައި އެބަހުރި." ބަލަކް ވިދާޅުވި އެވެ.

އުމުރުން 36 އަހަރުގެ ކޯޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބަލަކް ވިދާޅުވީ، ނިއުގެ ކޯޗުކަމަށް ހަމަޖެއްސި ކޯޗު ސައިމަން އަކީ ވަރަށް ޒުވާން، ތަޖުރިބާހުރި ކޯޗެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ރޭގެ ވަގުތެއްގައި މިވަނީ އަޅުގަނޑުމެންނާއި އެކު އެގްރިމެންޓެއް ހެދިފައި. ރާއްޖޭގެ ގައުމީ ޓީމަށް ވެސް ގެންނަން މަސައްކަތްކުރި އިނގިރޭސިވިލާތުގެ ސައިމަން މެކްމެނެމީ. އެއީ ފިލިޕީންސްގެ ހެޑް ކޯޗަކަށް ހުންނެވި ކޯޗެއް. ވަރަށް ޒުވާން ރަނގަޅު ތަޖުރިބާހުރި ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ. އެވާހަކަ އަޅުގަނޑުމެން އުފަލާއެކު ފާހަގަކުރަން. އެކޯޗު އަޅުގަނޑުމެންނާ އެކު މި ޖޮއިން ކުރަނީ މިމަހު 15 އިން މެއި މަހުގެ 15 އާ ހަމައަށް. އަޅުގަނޑުމެންނަށް އެކަން އެނގި ތިބެ މިނަގަނީ، ސަބަބަކީ އަޅުގަނޑުމެންނަށް މުޅިން އާ ގޮތްނޭނގޭ ކޯޗެއް އޭއެފްސީ ކަޕްގެ މެދުތެރެއިން ގެނައުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ނުވާތީ." ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ، ރަސްމީ ގޮތުން އަލަށް ހަމަޖެއްސި ކޯޗު ނިއުއާއި ހަވާލުވާނީ މާލޭގައި އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔާޕޫރާއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށް ވިޔަސް، އޭގެ ކުރިން އިންޑޮނޭޝިއާގައި ހަމަ އެޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ސައިމަން އިރުޝާދު ދޭނެ ކަމަށެވެ.

"އަލަށް އައްޔަން ކުރެވުނު ކޯޗު މިހާރު ހުންނެވީ ސްކޮޓްލެންޑްގެ ގަލާސްކޯގައި. އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ޖަޔަޕޫރާ މެޗަށް ޓީމު ދަތުރުކުރާ އިރު، ޖަކާޓާ މަގުން އެ ކޯޗު ވެސް ޖޮއިން ކުރެވޭތޯ. އެހެން ނަމަވެސް މި މިމެޗުގައި އޮފިޝަލީ ގޮތުން ހުންނާނީ އަޅުގަނޑުމެންގެ ކެއާ ޓޭކާ ކޯޗު އަނިލް. އަޅުގަނޑުމެން އަލަށް އައްޔަން ކުރާ ހެޑް ކޯޗު ޓީމާއެކު ދަތުރުކޮށް އެބޭފުޅާގެ އެޑްވައިސްތައް ދެމުން ގެންދާނެ. ކޯޗު އޮފިޝަލީ ޓީމާއި ހަވާލުވާނީ މާލޭގައި ހަމަ ޖަޔަޕޫރާއާ ދެކޮޅަށް ކުޅޭ މެޗުގައި. ދެން ކޯޗަކީ ފިލިޕީންސްގެ ހެޑް ކޯޗުކަން ކުރުމަށް ފަހު، އިންޑޮނޭޝިއާ ލީގުގައި ވެސް ބައެއް ކްލަބުތަކާ އެކު މަސައްކަތްކޮށްފައި ހުރި ކޯޗެއް. އެހެންވީމާ، އެއީ މި ދަނޑިވަޅުގައި ނިއު ރޭޑިއަންޓަށް ލިބޭނެ އެންމެ ރަނގަޅު އޮޕްޝަން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ." ބަލަކް ވިދާޅުވި އެވެ.

ނިއު އާއި އަލަށް ހަމަޖެއްސި ކޯޗު ސައިމަން އެންމެ ފަހު ކޯޗުކޮށްދިނީ އިންޑިނޭޝިއާގެ ޕާސިވާ ބަންޓުލް އަށެވެ. މިދިޔަ އަހަރު ޕާސިވާ އަށް ކޯޗުކޮށްދިނުމުގެ ކުރިން އިންޑޮނޭޝިއާގެ މިތުރާ ކުކާރް ފުޓްބޯޅަ ކްލަބަށާއި ވިއެޓްނާމްގެ ޑޮންގް ޓަން ލޯންގް އޭން ފުޓްބޯޅަ ކްލަބުގެ އިތުރުން ފިލިޕީންސް ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވެ އެވެ.