ޤަޞްދުގައި މީހަކު މެރުމުގެ ކުށް ތަހުގީގު ކުރުމުގައްޔާއި އެ ކުށުގެ އަދަބު ތަންފީޛު ‏‏ކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދަށް އަމަލު ކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ލަފާ އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ގަވާއިދާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ‏‏ކުރައްވައި، ބައެއް އިޞްލާޙުތަކާއެކު އެ ގަވާއިދަށް ޢަމަލު ކުރަން ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާ އަރުވާފައިވާ ކަމަށެވެ.

ލީތަލް އިންޖެކްޝަން ޖަހައިގެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާ އެރުވީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ދުވަހުގެ މަޝްވަރާގައި މަރުގެ ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކުރާ ގަވާއިދެއް ސަރުކާރުން އެކުލަވާލުމަށް ވަޒީރުން އެއްބަސްވި އެވެ.

ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލުމުގެ ކުރިން ޕްރޮސެކިއުޓާ ‏‏ޖެނެރަލް ޔަގީން ކުރަންޖެހޭ ކަންކަން ކަމާއި ޝަރީއަތުގެ މަރުހަލާގެ ތަރުތީބު ވެސް އެ ގަވާއިދުގައި ކަނޑައެޅުމަށް ވަނީ މަޝްވަރާކޮށްފަ އެވެ.