ސައުދީ ކްރައުން ޕްރިންސް ސަލްމާން ބިން އަބުދުލް އަޒީރު ރާއްޖޭ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރޭ ފުރާވަޑައިގެންފި އެވެ.

ސައުދީ ޕްރިންސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރާއްޖެ އިން ފުރާވަޑައިގެންފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ މަނިކުފާނަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާދު ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމެވެ.

ސައުދީ ފްރިންސް ރާއްޖެ އަށް މިދިޔަ މަހުގެ 28ގައި ކުރެއްވި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްްޔާގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެއަށް މި ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ރިސޯޓެއް ކަމުގައިވާ އަނަންތަރާގައި އާއިލާއާ އެކު ވަނީ ޗުއްޓީއެއް ވެސް ހޭދަކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި ސަލްމާން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ އަށް 1.5 މިލިއަން ޑޮލަރުގެ އެހީ ދެއްވައިފަ އެވެ. އަދި ރާއްޖޭގެ އިސްލާމީ އެކިއެކި ކަންކަމަށް އެހީވެދެއްވުމަށް ޓަކައި އެއް މިލިއަން ޑޮލަރުގެ އެހީއެއް ވަނީ ދެއްވައިފަ އެވެ. މީގެއިތުރުން ރާއްޖޭގައި 10 މިސްކިތް އާޅާދެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ސައުދީ ޕްރިންސްގެ މި ދަތުރުފުޅުގައި ރާއްޖެ އިން އެކިއެކި ކަންކަމުގައި ބޭނުންތެރިވާ އެހީތެރިކަމާ އެއްބާރުލުން ސައުދީ ސަރުކާރުން އަބަދުވެސް ދޭނެ ކަމުގެ ޔަގީންކަން ސަރުކާރަށް ވަނީ ދެއްވާފަ އެވެ.