ނިޔުޔޯކް (މާޗް 13) : ގޭސް ލީކުވުމާ ގުޅިގެން ބާރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން އެމެރިކާގެ ނިޔުޔޯކްގެ ތިން އިމާރާތެއް ވެއްޓި ތިން މީހުން މަރުވެ ނުވަ މީހުން ގެއްލި އިތުރު ބަޔަކު ޒަޚަމްވެއްޖެ އެވެ.

ނިޔުޔޯކްގެ ފުލުހުން ބުނާ ގޮތުން އެ ރަށުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ މެންހާޓަންގެ އީސްޓް ހާލެމް އަވަށުގައިވާ މީހުން ދިރިއުޅޭ ދެ އިމާރާތެއް ވަނީ މިހާދިސާގައި ވެއްޓި ބިމާ ހަމަވެފަ އެވެ. އަދި ތަންކޮޅެއް ފަހުން ތިން ވަނަ އިމާރާތެއްވެސް ވަނީ ވެއްޓިފަ އެވެ. މިއީ ޓެރަރިޒަމްގެ އަމަލެއް ނޫންކަމަށާ ގޭސް ލީކުވެފައިވާކަން މިހާރު ޓެސްޓްތަކުން ހާމަވާކަމަށް ފުލުހުންނާ ޙަވާލާދީ ސީއެންއެން ބުނެ އެވެ.

ނިޔުޔޯކްގެ މޭޔަރު ބިލް ޑި ބްލަސިއޯ ވަނީ ގޭސްލީކުވި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިހާދިސާއާ ގުޅިގެން ތިން އިމާރާރެއް ވެއްޓިފައިވާ އިރު އިތުރު އިމާރާތްތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެ އެވެ. މިހާދިސާގައި އީސްޓް ހާލެމްގެ ޖައްވު ދުމުން ފުރިފައިވާ އިރު ވެއްޓުނު ތިން އިމާރާތުގެ ކޮންކްރީޓްތަކާއި ބައިތައް ކައިރީގައިވާ އިމާރާތްތަކަށް ވެސް ބުރައިގެން ދިޔުމުގެ އިތުރުން އޭގެ އެތިކޮޅުތައް ވަނީ ވަރަށް ދުރަށް ފެތުރިފައިކަމަށް ޚަބަރުތައް ބުނެ އެވެ.

މިހާދިސާއާ ގުޅިގެން މެންހާޓަންގެ ރޭލް ސްޓޭޝަން ވަގުތީ ގޮތުން ބަންދުކޮށް މުވާސަލާތުގެ ހަރަކާތްތައް ވަނީ ހުއްޓުމަކަށް ގެނަސްފައި ވީނަމަވެސް މިހާރު ވަނީ މުވާސަލާތުގެ ހަރަކާތައް އަލުން ފަށާފަ އެވެ. މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ޓަކައި ތަހްގީގްތައް ކުރިޔަށް ގެންދާ ކަމަށް ނިޔުޔޯކްގެ ފުލުހުން ބުނެ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ މިހާދިސާއާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެ މަރުވި ދެމީހުންގެ ޢާއިލާތަކަށް ތަޢްޒިޔާ ފޮނުއްވާފަ އެވެ. (ނޫސްއެޖެންސީތައް)