ކުޅުދުއްފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 165 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ވިދާޅުވީ ހައުސިން ޔުނިޓްތަކަށް އެދި ހުށަހަޅާ ފޯމް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އެކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ. އަދި ހައުސިން ޔުނިޓްތަކަށް އެދި ފޯމް ރަށުން ބޭރުގެ ފަރާތްތަކަށާއި ރަށުގެ ރައްޔިތުންނަށް ހުޅުވާލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ހަމަޖައްސާފައި ވަނީ މި ހައުސިން ޔުނިޓްގެ ވަކި ޕަސެންޓެއް ރަށުން ބޭރުގެ ފަރާތްތަކަށް ވެސް ދިނުމަށް. އެހެންވެ އެ ފަރާތްތަކަށް ވެސް އެކަމަށް އެދި ފޯމް ހުށަހެޅޭނެ،" އަލީ މުހައްމަދު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އަޅާފައިވާ 165 ހައުސިން ޔުނިޓްގެ މަސައްކަތް އަދި މުޅިން ނިންމާލެވިފައިނުވާ ކަމަށާއި މިހާތަށް މުޅިން ނިމިފައި ހުރީ 10 ހައުންސިލުން ޔުނިޓް ކަމަށް ކައުންސިލުން ބުންޏެެވެ. ނަމަވެސް ޝަރުތުހަމާވާ ފަރާތްތައް ހޮވުމަށާއި އެ ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިންމާލުމަށް ހައެއްކަ މަސް ނަގާނެ ކަަމަށް އަލީ މުހައްމަދު ވިދާޅުވި އެވެ.

ސަރުކާރުން އެޗްޑީސީއާ ހަވާކުކޮށްގެން ކުޅުދުއްފުށީގައި އަޅާފައިވާ 165 ރޯހައުސްގެ ތެރެއިން އެރަށުގެ ރައްވެހިންނަށް ދިނުމަށް ކަނޑައަޅާފައި ވަނީ 100 ހައުސިން ޔުނިޓެވެ. އަދި ރަށުން ބޭރުގެ ފަރާތްކަށް 65 ހައުސިން ޔުނިޓް ދިނުމަށް ވަނީ ނިންމަފައިފަ އެވެ.

މި ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި 19،000 ރުފިޔާ ދައްކަން ޖެހޭ އިރު އެ ފައިސާ ހަތަރު މަހަށް ބަހާލައިގެން ދެއްކޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފްލެޓް ކުލީގެ ގޮތުގައި މަހަކު 3،500 ރުފިޔާ 20 އަހަރު ވަންދެއް ދައްކަން ޖެހެ އެވެ.