13 Mar 2014, 12:22
ރާއްޖެ އަށް ބަނގުރާ އެތެރެކުރި ކަމަށް ކޮށްފައިވާ ތުހުމަތަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި، 2012 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެ އިން ބޭރުން ސިޔާމު ވަޑައިގަތް ދަތުރުފުޅެއްގައި، ސިޔާމްގެ ލަގެޖް ތެރޭގައި ރާފުޅިއެއްް އޮތް ކަމަށްކޮށްފައިވާ ތުހުމަތާ ގުޅިގެން ސިޔާމް މިއަދު ކޯޓުގައި ވިދާޅުވީ އެ މަނިކުފާނު އެފަދަ ކަމެއް ނުކުރައްވާ ކަމަށާއި އެ ދައުވާ އަށް އިންކާރު ކުރައްވާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވާނީ ވަކީލު ކަމަށެވެ.
ސިޔާމުގެ ލީގަލް ޓީމުން މިއަދު ސަން އަށް ބުނީ ސިޔާމުގެ ދަބަހުގައި ރާފުޅިއެއް އޮތް ކަމަށް ކޮށްފައިވާ ތުހުމަތަކީ ބަޔަކު ސިޔާސީ ގޮތުން ސިޔާމުގެ އަގުވައްޓާލުމަށް ދައްކާ ވަހަކައެއް ކަމަށެވެ. އަދި ސިޔާމަކީ އެތައް ރިސޯޓެއް ގެންގުޅުއްވާ ބޭފުޅަކަށްވާ އިރު، ރާއްޖެ އިން ބޭރުން ވަޑައިގަންނަވާ އިރު، ފޮއްޓަށް ލައްވައިގެން ރާފުޅިއެއް އެތެރެ ކުރައްވަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
އަދި އެ ޓީމުން ބުނީ ސިޔާމަކީ ކޯޓަށް ފިއްލަވައިގެން އުޅުވާ ބޭފުޅެއް ނޫން ކަމަށާއި އެކަން އެ ގޮތަށް ކުރައްވާނެ ބޭފުޅެއް ވެސް ނޫން ކަމަށެވެ. ސިޔާމަކީ ފުރިހަމަ އަށް ގާނޫނަށް ބޯލަންބަވާނެ ބޭފުޅެއް ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ސިޔާމްގެ ވަކީލު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ މައްސަލައިގެ ލިޔުންތައް ދިރާސާކުރަން އެކަށީގެންވާ ފުރުސަތު ލިބިފައިނުވާ ކަމަށާއި އެ ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ. އަދި މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.