13 Mar 2014, 12:19
މައިގްރޭން ގެ ރިހުން ފަސޭހަކޮށްދޭ ބޭންޑް އެއް އުފައްދާ ވިއްކުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ.
ބެލްޖިއަމްގެ ކުންފުންޏަކުން އުފައްދާ މި ބޭންޑް އަށް ކިޔަނީ ސެފަލީ އެވެ. ނިއްކުރީގައި ހަރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބޭންޑް އިން ބޮލުގައި ރިހުން މަދުކުރުމަށް ބޭނުންކުރަނީ އިލެކްޓްރިކް ސިގްނަލް ތަކެކެވެ. މި ސިގްނަލް ތައް ސިކުނޑީގެ މައިގްރޭން އެޓޭކް އަންނަން ދިމާވާ ނާރުތަށް ސްޓިމިއުލޭޓް ކޮށްދީ އެޓޭކް އައުމުގެ ދޭތެރެ ދުރުކޮށްދެއެވެ.
ބެޓަރީ ލައްވާ ގޮތަށް އުފައްދާފައިވާ މި ބޭންޑް ބޭނުން ކުރުން ރައްކާތެރީ 18 އަހަރުން މަތީގެ މީހުންނެވެ. ސެފަލީ ހަރުކޮށްލާ އޮން ކޮށްލުމުން ނިއްކުރީގައި ބޭންޑް ޖެހިފައި ހުންނަ ތަނަށް ކުޑަކުޑަ އިހުސާސެއް ވާނެއެވެ. ނަމަވެސް މިއީ އުނދަގޫ އިހުސާސެއް ނޫނެވެ. މައިގްރޭން އެޓޭކް އަންނަ މީހުން ދުވާލަކު 20 މިނެޓް ސެފަލީ ބޭނުން ކުރުމުން ބޮލުގައި ރިހުން މަދުވާ ކަމަށް ސެލަފީ އުފައްދާ ކުންފުނިން އިޝްތިހާރު ކުރެއެވެ.
އެމެރިކާގެ އެފްޑީއޭ އިން 67 މައިގްރޭން ޕޭޝަންޓުން ބައިވެރިކޮށްގެން ހެދި ޓެސްޓް ތަކެއްގައި ސެލަފީ ބޭނުންކުރުމުން ޕޭޝަންޓުންނަށް މައިގްރޭން އެޓޭކް އައުން ދެބައިކުޅަ އެއްބައި މަދު ވާކަމަށް ވަނީ ދައްކާފައެވެ.
ނަމަވެސް ޕޭޝަންޓުންގެ މައިގްރޭން އެޓޭކް އައުން މުޅި އެކު ހުއްޓިފައެއް ނުވެއެވެ. އަދި ގަދަޔަށް ބޮލުގައި ރިހެން ފެށުމުން ސެފަލީ އެޅި ނަމަވެސް ރިހުން މަޑު ނުވާ ކަމަށް އެފްޑީއޭ އިން ބުނެއެވެ.
ސެފަލީ ޓެސްޓް ކުރުމަށް ބޭއްވި އެހެން ޓެސްޓެއްގައި ބައިވެރިވި 2،313 މީހުންގެ ތެރެއިން 53 އިންސައްތަ މީހުން ބުނީ ސެފަލީ ބޭނުން ކުރުމުން ބޮލުގައި ރިހުމަށް ބޮޑު ލުޔެއް ލިބޭ ކަމަށެވެ. އަދި ސެފަލީ ބާޒާރަށް ނެރުމުން ގަންނާނެ ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.
މިދިޔަ އަންގާރަ ދުވަހު އެމެރިކާގައި ވިއްކުގެ ހުއްދަ ދީފައިވާ ސެފަލީ ޔޫރަޕް އާއި ކެނެޑާގައި ވިއްކާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.
https://www.youtube.com/watch?v=0Rh3btp7Rxw