އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިސްމާއިލް ހަބީބު އެ މަގާމަށް އައްޔަން ކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އިސްމާއިލް ހަބީބު އެމަގާމު އައްޔަންކޮށްފައިވާ ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަވާލުކޮށްދެއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި އޭނާއަށް މަގާމުގެ ހުވާ ލާދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ އަރީފު އެވެ.

ހަބީބު އެކޮމިޝަނަށް އައްޔަން ކުރައްވާފައިވާއިރު ރައީސް އޮފީހުން ވަނީ އެ ކޮމިޝަންގައި މިހާރު ހުސްވެފައިވާ އިތުރު ދެ މާގަމަށް ވެސް މެމްބަރުން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އިތުރު ހަތަރު ނަންފުޅެއް ފޮނުއްވައިފަ އެވެ. އެހަތަރު ބޭފުޅުންނަކީ ދަފްތަރު، މުހައްމަދު ޒާހިދު، އާއި މ. ވޭވަށް، ބުލްބުލާގެ، މުހައްމަދު ޝަކީލް އާއި ހުޅުމާލެ އެންދެރި، އަހުމަދު ސުލައިމާނާއި އދސަނޯރާމާގެ، އައިޝަތު މުނާ، އެވެ.

އިލެކްޝަންސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމުގެ މަސައްކަތް ފެށީ ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ ގޮނޑި ގެއްލިއްޖެ ކަމަށް ހުކުމް ކުރުމާ ގުޅިގެންނެވެ.