ޏ. ފުވައްމުލަކަށް ކަނޑުދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކު ދަނޑިމަގު ކެޔޮގޭ، ހަސަން މުސްތޮފާ، 42، ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ ފުވައްމުލަކާއި މާލެ އާ ދެމެދު ދަތުރު ކުރާ ބޯޓަކުން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ބޯޓަށް އަރައި އޭނާގެ ހަށިގަނޑު ޗެކްކޮށް ބެލިބެލުމުން އޭނާގެ ފުރަގަސް ފަރާތަށް ލައި ފޮރުވާފައި އޮތް ބުލެޓް ސައިޒްގެ ޕެކެޓެއް ފެނިފައިވާ ކަމަށާއި އަދި ބޯޓް އިތުރަށް ޗެކްކޮށް ބެލިބެލުމުން ފިލްމު ހުސްކުރި ދަޅަކަށް އަޅާފައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވެސް ފެނިފައިވާ ކަމަށެވެ.


ހައްޔަރު ކުރި މީހާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ ރިކޯޑް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.