13 Mar 2014, 10:19
އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ރާއްޖެ އަށް ބަނގުރާ އެތެރެ ކުރެއްވި ކަމަށް ތުހުމަތުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުވުމަށް ފުލުހުންގެ މައްޗަށްކޮށްފައިވާ އަމުރަށް، ސިޔާމު އަމިއްލަ ފުޅަށް މިއަދު ކޯޓަށް ވަޑައިގެންފި އެވެ.
ސިޔާމުގެ ލީގަލް ޓީމުން ވާހަކަ ދެއްކެވި ބޭފުޅަކު ދެންމެ ސަން އަށް ވިދާޅުވީ މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެެހުމަށް ސިޔާމު ވަޑައިގަތީ ފުލުހުންގެ ހާޒިރުގައި ނޫން ކަމަށާއި އަމިއްލަ ފުޅަށް ކަމަށެވެ. އަދި ބައެއްް މީޑިއަމްތަކުގައި ފުލުހުންގެ ބެލުމުގެ ދަށުން ސިޔާމު ކޯޓަށް ހާޒިރު ކުރި ކަމަށް ފަތުރާ ހަބަރުތަކަކީ އޮޅުވާލައިގެން ފަތުރާ ހަބަރުތަކެއްް ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
ލީގަލް ޓީމުން ބުނީ ފުލުހުންގެ ބެލުމުގެ ދަށުން ސިޔާމު ކޯޓަށް ހާޒިރުކުރުމަށް ކުރި އަމުރު މިއަދު ކޯޓަށް ވަޑައިގަތުމުގެ ކުރިން ބާތިލުކޮށްފައިވާ ކަމަށާއި އެމަނިކުފާނު އަމިއްލަފުޅަށް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އެ އިޖުރާތުތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.