އިސްލާމްއާބާދު (މާޗް 13) : ޕާކިސްތާންގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ މައްޗަށް ހިންގަމުން ގެންދާ ޝަރީޢަތުގައި އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ އަޑުއެހެންތައް، އޭނާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިނުމާގުޅިގެން، އަންނަ ހުކުރު ދުވަހަށް ފަސްކޮށްފި އެވެ.

ޕާކިސްތާނުގެ ދާޚިލީ ވުޒާރާ ބުނާގޮތުން މުޝައްރަފްގެ މައްޗަށް ހިންގަމުން ގެންދާ ޝަރީޢަތުގައި އިއްޔެ ބޭއްވުމަށް ހަމަޖައްސާފައިވާ އަޑުއެހުން ކޯޓުން ފަސްކުރީ އޭނާގެ ފުރާނައަށް ނުރައްކާވެދާ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ބެލެވޭތީ އޭނާއަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސަރުކާރަށް ވަގުތު ދިނުމަށްޓަކަ އެވެ. މުޝައްރަފުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ފަހު އަންނަ ހުކުރުދުވަހު އޭނާ ޝަރީއަތަށް ޙާޒިރުކޮށްދެވޭނެ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފައިވެ އެވެ.

މުޝައްރަފް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައި ވަނީ އަލްގާއިދާއިންނާއި ޕާކިސްތާނުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ތާލިބާނުންނެވެ. މުޝައްރަފުގެ މައްޗަށް ސަރުކާރުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޭނާގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ޕާކިސްތާނުގެ ގާނޫނު އަސާސީއާ ޚިލާފުވުމާއި ގައުމަށް ޚިޔާނާތްތެރިވި ކަމުގެ ދައްވާ ހިމެނެ އެވެ. މީގެ އިތުރުން ޕާލަމެންޓްގެ މެންބަރަކު މެރުމުގެ ޖަރީމާގައި މުޝައްރަފުގެ އަތެއްވާކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ. މިދައުވާތައް ސާބިތުވެއްޖެނަމަ މަރުގެ ހުކުމެއް މުޝައްރަފުގެ މައްޗަށް އަންނާނެ ކަމަށް ގާނޫނީ ތަޖްރިބާކާރުން ލަފާކުރެ އެވެ. (ރޮއިޓާސް)