13 Mar 2014, 00:35
ނިއުކްލިޔާ ހަކަތައިން އިލެކްޓްރިކް ކަރަންޓް އުފެއްދުމަށްޓަކައި އީރާނުގައި އިތުރު ނިއުކްލިޔާ ދެ ރިއެކްޓަރު ބިނާކުރުމުގެ އެއްބަސްވުމެއްގައި އެގައުމުން ރަޝިޔާއާއެކު ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ދެ ގައުމުން ސޮއިކޮށްފައި މިވަނީ ރަޝިޔާގެ ނިއުކްލިޔާ ހަކަތައާބެހޭ އެޖެންސީގެ އިސްވެރިއަކު އީރާނަށް ރަސްމީ ޒިޔާރަތެއް ކުރައްވަމުން ގެންދަވާ ވަގުތެއްގަ އެވެ.
އެއްބަސްވުމާ ބެހޭގޮތުން އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ތަރުޖަމާން، ބަހްރޫޒް ކަމާލޫވާންދީ ވިދާޅުވީ މިދެ ރިއެކްޓަރުގެ ތެރެއިން ކޮންމެ ރިއެކްޓަރަކީވެސް 100 މެގަވޯޓުގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ލިބިގެންވާނެ ދެ ރިއެކްޓަރު ކަމަށެވެ. އަދި މިދެ ރިއެކްޓަރުވެސް ބިނާކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އީރާނުގެ މަދަނީ އެންމެ ބޮޑު ނިއުކްލިޔާ ރިއެކްޓަރުހުރި އެގައުމުގެ ހުޅަނގު ދެކުނުގެ ރަށެއްކަމަށްވާ ބޫޝަހަރުގައި ކަމުގަ އެވެ.
ބޫޝަހަރުގައި މިހާރު ހުރި ނިއުކްލިޔާ ރިއެކްޓަރަކީ ވެސް ރަޝިޔާގެ ފަންނީ އެހީގައި އީރާނުން ބިނާކޮށްފައިވާ ރިއެކްޓަރެކެވެ. އެއީ 50 މެގަ ވޯޓު ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ރިއެކްޓަރެއް ކަމަށްވެއެވެ.
އަލަށް ބިނާކުރާ މި ދެ ރިއެކްޓަރު ބިނާކުރުމުގެ އަގު އީރާނުންވެސް އަދި ރަޝިޔާއިންވެސް ހާމަކޮށްފައެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިއިން ކޮންމެ ރިއެކްޓަރަކީ 10 ބިލިޔަން އެމެރިކާ ޑޮލަރުގެ އަގުބޮޑު ރިއެކްޓަރެކެވެ. އީރާނުންވަނީ އެގައުމަށް ބޭނުންވާ އިލެކްޓްރިކް ކަރަންޓްގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ނިއުކްލިޔާ ހަކަތައިން އުފެއްދުމުގެ ދިގުމުއްދަތުގެ ޕްލޭނެއް ހާމަކޮށްފަ އެވެ. މިކަމަށްޓަކައި ކުރިޔަށްއޮތް 15 އަހަރު ތެރޭގައި 17 ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމަށް އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާއިން ވަނީ ޕްލޭންކޮށްފަ އެވެ.
އީރާނުން މިހާރު ގެންދަނީ ހަމައެކަނި އެގައުމުގެ އަމިއްލަ ނިއުކްލިޔާ އިންޖިނޭރުންނަށް ބަރޯސާވެގެން ބިނާކުރާ ނިއުކްލިޔާ ފުރަތަމަ ރިއެކްޓަރުގެ މަސައްކަތްވެސް ކުރަމުންނެވެ.
އީރާނުގެ ނިއުކްލިޔާ ހަކަތައިގެ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކުގެ އިތުރުން އަސްކަރީ ބޭނުންތަކަށް ވެސް ޚާއްސަކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް ހުޅަނގުން ތުހުމަތުކޮށް އީރާނާދެކޮޅަށްވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. ނަމަވެސް އީރާނުން ވަނީ އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމަކީ މަދަނީ ބޭނުންތަކަށް ޚާއްސަ ޕްރޮގްރާމެއްކަން ހާމަކޮށް ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާނުލައި ކުރިޔަށްގެންދާނެ ކަމަށް ބުނެފައެވެ. އަދި އީރާނުގެ މިހާރުގެ ސަރުކާރުން ދަނީ އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމަކީ މަދަނީ ޕްރޮގްރާމެއްކަން ހުޅަނގަށް ސާފުކޮށްދީ މިމައްސަލަ ހައްލުކުރުމަށް ޓަކައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކާއެކު ވާހަކަތައް ވެސް ދައްކަމުންނެވެ. (ބީބީސީ)