13 Mar 2014, 00:06
ރާއްޖޭގެ ޖުޑިޝަރީގެ ނިންމުންތަކަށް، ބޭރުގެ ފަރާތްތަކުން ފާޑުކިޔައި ހިންގާ ނޭދެވޭ އަމަލުތަކުގެ ސަބަބުން، ގާނޫނުގެ އަސާސީގެ ބާރު ކެނޑި، ޑިމޮކްރަސީ ކުރި އެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމުން އެ ކަމަށް މަރުހަބާ ކިޔައި ސަރުކާރުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުން ނިންމާ ނިންމުންތަކަށް، ބޭރުގެ ފަރާތްތަކުން ފާޑުކިޔުމުން، ގާނޫނު ނަގަހައްޓަން އުފައްދާފައިވާ މުއައްސަސާތަކާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް ހުރަސް އެޅޭ ކަމަށެވެ.
ސަރުކާރުން ބުނެފައި ވަނީ، ޝަރުއީ ދާއިރާތައް ހިމެނޭ ގޮތަށް، ދައުލަތުގެ މުއައްސަސާތައް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު ނަގަހައްޓައި އެ ގާނޫނު އަބަދުވެސް ހިމާޔަތްކުރާނޭ ކަމަށް ސަރުކާރުގެ ބަޔާނުގައިވެ އެވެ.
ސިޔާސީ ބޮޑެތި ލީޑަރުން ވެސް ހިމެނޭ ގޮތަށް، ކޯޓުތަކުގައި ނުނިމި ބައިވަރު މައްސަލަތަށް ހުރިކަން ފާހަގަ ކުރަމުން، އިންސާފު ހޯދުމުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށް ގެންދަންޖެހޭ ކަމަށް، ސަރުކާރުގެ ބަޔާނުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ދައުވާކޮށް، ގޮނޑި ގެއްލުން ކަމަށް ސުޕްރީމްކޯޓުން ކުރި ހުކުމަށް ފާޑުކިޔައި ބޭރުގެ ފަރާތްތަކުން ތަފާތު ބަޔާންތައް ނެރެމުންދާއިރު، ސަރުކާރުން ބުނެފައިވަނީ، 2008 ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނު އަސާސީއަށް ބޭރުގެ ފަރާތްތަކުން ތައުރީފު ކޮށްފައިވާއިރު އެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އުފެދިފައިވާ ރިޔާސީ ނިޒާމުގައި ދައުލަތުގެ ތިން ބާރު ފުރިހަމައަށް ވަކިވެފައިވާ ކަމަށެވެ. އަދި އޭގެފަހުން ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ މަސައްކަތުގައި ތަފާތު ތަޖުރިބާތަކެއް ކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދިވެހި ސަރުކާރުން ބުނެފައި ވަނީ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމުގެ މަސައްކަތުގައި ބައިވެރިވެ އެއްބާރުލުންދޭން ބޭނުންވާ ބޭރުގެ ފަރާތްތަކާއެކު ދެފަރާތަށް ވެސް ފައިދާވާނެ ގޮތަކަށް މަސައްކަތްކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ.