މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން، ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް މެމްބަރުން އައްޔަންކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު މޫސާ ޒަމީރު މިރޭ "ސަން" އަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގައި ފަސް މެންބަރުން ތިބެންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު އެގޮތަށް އެކަން ކުރުމަކީ ޕީޕީއެމްގެ ފަރާތުން އެދޭ ގޮތް ކަމަށެވެ. އަދި އެކަމަށް ވަގުތުވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން ބޭފުޅުން ބައިތިއްބައިގެން ވެސް އިންތިހާބު ބޭއްވޭނެ. ނަމަވެސް ގާނޫނު އަސާސީގައި ފަސް މެންބަރުން ތިބެންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އަޅުނގަޑުމެން ބޭނުންވަނީ ގާނޫނު އަސާސީއާއި އެއްގޮތަށް އިންތިހާބު ބާއްވަން. އެކަމަކަށް ހުރަހެއްވެސް ނެތެއްނޫންތޯ.؟،" ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޒަމީރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަހުމަދު ފަޔާޒު މަގާމުން ވަކިވެފައިވާއިރު އެ ދެބޭފުޅުންގެ ބަދަލުގައި ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މަޖިލީހަށް މިއަދު ހަތަރު ނަމެއް ފޮނުއްވައިފަ އެވެ.

އެގޮތުން ފުއާދާއި ފަޔާޒުގެ ބަދަލުގައި އިލެކްޝަން ކޮމިޝަނަށް އައްޔަންކުރުމަށް ރައީސް ޔާމީން މިއަދު މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންނަކީ ދަފްތަރު ނަމްބަރު 1548 މުހައްމަދު ޒާހިދު އާއި މ. ވޭވަށް ބުލްބުލާގެ މުހައްމަދު ޝަކީލް ގެ އިތުރުން ހުޅުމާލެ އެންދެެރި-7 އަހުމަދު ސުލައިމާން އާއި އދ. މަހިބަދޫ ސަނޫރާމާގެ ފާތިމަތު މުނާ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިދޭ ވިރާސީ ބާރުގެ ތެރެއިން، ރައްޔިތުންގެ މަޖިލިސް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުނކަނޑާލުމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިއަދު އިއުލާންކުރައްވާފަ އެވެ.

ރަމީޒް ވިދާޅުވީ، ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ހަތަރު ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް، ވީހާވެސް އަވަހަށް ނިންމައި، މަޖިލީހުން ގޮތެއް ނިންމައިދިނުމަށް އެޕާޓީގެ ފަރާތުން އެދޭ ކަމަށެވެ.

"މަޖިލީހުގެ އެއްބާރުލުން ދޭ ކަމަށްވާނަމަ އެކަމަކީ މާބޮޑު ކަމެއް ނޫން. އެކަމަކަށް ހުރަހެއްވެސް ނެތް. މިއަދު ފާސްކުރި ނަންވެސް އެއީ، އިއްޔެ މެންދުރުފަހު މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އެއް ބޭއްވީ، މުގައްރިރު ރަށުގައި ނޫޅުއްވާތީ ނައިބް މުގައްރިރު ދެއްތޯ ކޮމެޓީ ބާއްވާފައި ރިޕޯޓް ފޮނުއްވީ. އަދި މިއަދު މެންދުރު ޖަލްސާ ބާއްވައި އެ ނަން ފާސް އެ ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އޮގަރު އިބްރާހިމް ވަހީދު އިސްތިއުފާ ދެއްވާފައިވާތީ އެ މަގާމަށް ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ އިއްތިފާގުން އިސްމާއީލް ހަބީބު އައްޔަންކުރުމަށް ފާސްކޮށްފަ އެވެ.