21 Dec 2010, 07:18
ހދ. ނޮޅިވަރަމްފަރަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އެ އަތޮޅުގެ ފަރިދު އާއި ކުނބުރުދު އާއި ނައިވައިދޫ މީހުންނަށް ނޮޅިވަރަމްފަރުގައި އަޅާފައިވާ ގެތައް ބެހުމުގައި މައްސަލަޖެހި ތިން ރަށުގެ މީހުން ރަށު އޮފީސް ދޮށަށް އެއްވެ ނުރުހުންފާޅުކުރަން ފަށައިފި އެވެ.
ރަށު އޮފީހުން މިއަދު ބުނީ ގުރުލުމުގައި މައްސަލަ ޖެހުމާ ގުޅިގެން މިހާރު ގުރުލުން ފަސްކޮށްފައިވާ ކަމަށާއި ގުރުގައި މައްސަލަ ޖެހުނީ ފަރިދޫ މީހުންނަށް ކުރިން ދިނުމަށް ކަނޑައަޅާފައި އޮތްވަރަށް ވުރެ ފަހުން އެއްގެ މަދުވުމުން ކަމަށެވެ.
ނޮޅިވަރަނަފަރު ރަށު އޮފީހުން ބުނީ ތިން ރަށު ރައްޔިތުން ވެސް މިހާރު ވަނީ އެ ރަށު އޮފީސް ދޮށަށް އެއްވެފައި ކަމަށެވެ. އަދި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާތީ އިތުރު މައުލޫމާތު މިވަގުތު ދެވެން ނެތް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރިދޫ ރައްޔިތުން މިހާރު ތިބީ ގުރުގެ ކަރުދާސްކޮޅުތައް ލުމަށް ތައްޔާރުކޮށްފައި ހުރި ފޮށި ވަށައިލައިގެންނެވެ.
ފަރިދޫ މީހަކު ބުނީ އެ މީހުންނަށް ކުރިން 36 ގެ ދޭނެ ކަމަށް ސަރުކާރުން ބުނެފައި އޮތް ނަމަވެސް އެމީހުން ގުރުއަތުލުމަށް ދިޔަ އިރު ލިސްޓުގައި އޮތީ 35 ގެ ކަމަށެވެ. އަދި އެ ރަށުން ބަދަލުވާން ބޭނުންވާ މީހުންނަށް މުޅި ޖުމްލަ 36 ގެ ބޭނުންވާ ކަމަށް ވެސް އޭނާ ބުންޔެވެ.
އޭނާ ބުނީ 200 އަށް ވުރެ ގިނަ މީހުން ނޮޅިވަރަންފަރު އޮފީސްދޮށަށް މިހާރު އެއްވެ ނުރުހުން ފާޅު ކުރަމުންދާ ކަމަށެވެ.
ތިން ރަށު ރައްޔިތުން ވެސް ނޮޅިވަރަންފަރަށް މިއަދު ހެނދުނު އައިސްފައި ވަނީ ގުރުއަތުލުމަށެވެ.