12 Mar 2014, 22:09
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ މެމްބަރު އިބްރާހިމް ވަހީދު (އޮގަރު) އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލުގައި އެ ކޮމިޝަނަށް އާ މެންބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމުން ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތިން ނަންފުޅުގެ ތެރެއިން، މަޖިލީހުން މިއަދު ފާސްކުރީ އިސްމާއީލް ހަބީބުގެ ނަންފުޅެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީސީއަށް އާ މެންބަރަކު އައްޔަން ކުރަން މަޖިލީހުން މިއަދު ނިންމެވި ނިންމެވުމުގެ ސަބަބުން، މިމަހުގެ 22 ގައި ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް، ގާނޫނީ ގޮތުން އީސީ އަށް ކުރިމަތި ވެފައިވާ ހުރަސްތައް ނެތިގެން ހިނގައްޖެ ކަމަށެވެ. އެގޮތުން، އީސީ ފުރިހަމައަށް މަސައްކަތްކުރުމަށް، ގާނޫނީ ގޮތުން ބޭނުންވާ ކޯރަމް މިހާރު ހަމަވާ ކަމަށެވެ.
އިނގިރޭސި ބަހުން ނެރެފައިވާ އެ ބަޔާނުގައި ބުނެފައިވަނީ، ކޮމިޝަނުން ހުސްވެފައިވާ، މެންބަރު ކަމުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހަމަވިތާ ގަޑިއެއްހާ އިރުގެ ތެރޭގައި، އެ ނަންތަން ސްކްރީން ކުރުމަށް ފަހު، މަޖިލީހަށް ފޮނުވުމުން، އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަން ކަށަވަރު ކުރުމަށާއި ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ސަރުކާރުން ބޭނުންވާ މިންވަރު ހާމަވާ ކަމަށެވެ.
ރާއްޖޭގެ ޑިމޮކްޓިކް ނިޒާމާ ދޭތެރޭގައި ފަހުރުވެރިވާ ކަމަށާއި އަދި ރާއްޖޭގައި ދުޅަހެޔޮ ޑިމޮކްރެޓިކް ވެއްޓެއް ގާއިމްކުރަން ކުރެވެމުންދާ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދިނުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް އިހްތިރާމް ކުރުމަށާއި އަދި ރާއްޖޭގެ ޑިމޮކްރަސީ ނިޒާމް ހަރުދަނާކުރަން ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ބޭރުގެ ފަރާތްތަކަށް ވެސް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.
ސްޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ، މެންބަރު ކަމުގެ ދެމަގާމަށް، މެންބަރުން ވީ އެންމެ އަވަހަކަށް ހަމަޖައްސައި ދެއްވުމަށް ވެސް ސަރުކާރުގެ ބަޔާނުގައި ގޮވާލާފައި އެވެ.