12 Mar 2014, 20:33
ހުޅުމާލޭގައި ދެ ސައިކަލެއްޖެހި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ ލަންކާއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ހުޅުމާލޭ ނިރޮޅުމަގާއި ހިތިގަސްހިނގުމާ ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، ސީރިއަސް ޒަހަމްތަކެއް ލިބުމުން އިތުރުފަރުވާއަށް ލަންކާއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެފައިވަނީ ފުވައްމުލަކު ލެވިޝް، އުމުރުން 43، މުހައްމަދު ނިޒާމް އެވެ.
އޭނާ މަރުވެފައިވަނީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ހައެއް ޖަހާ ކަންހާއިރު ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދެއެވެ. އެކްސިޑެންޓުގައި ނިޒާމް އަށް ލިބުނު އަނިޔާތަށް "ކްރިޓިކަލް" ކަމުން އޭނާއަށް އިތުރު ފަރުވާދޭން ލަންކާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ އެކްސިޑެންޓްގައި ނިޒާމްގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު އޭނާގެ ހަށިގަނޑުގެ އެހެނިހެން ތަންތަނުގައި ވެސް ރެނދުލައި ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް އައިޖީއެމްއެޗުން ކުރިން ބުނެފައިވެ އެވެ.
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެ އެކްސިޑެންޓްގައި އިތުރު މީހަކަށް ވެސް އަނިޔާވި އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫނެވެ.