މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބަލައިގަތުމަށް އިލެކްޝަން ކޮމިޝަނުން ކޮމްޕްލެއިޓްންސް ބިއުރޯތައް ގާއިމް ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި އަތޮޅު އިލެކްޝަން ކޮމްޕްލެއިންސް ބިއުރޯތަކާއި "ގައުމީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ" އެއް މިހާރު ގާއިމް ކުރެވިފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް، އެކަމަށްދޫކުރާ ފޯމަކުންނާއި އީމެއިލް މެދުވެރިކޮށްވެސް ފޮނުވޭނެ ކަމަށެވެ.

އެގޮތުން ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ އިތުރުން އިލެކްޝަން ކޮމިޝަންގެ ވެބް ސައިޓުންނާއި އިލެކްޝަންސް ކޮމިޝަންގެ އިދާރާގެ އިތުރުން ރަށްރަށުގެ ރަށު ކައުންސިލް އިދާރާތަކުގައި ގާއިމް ކުރެވިފައިވާ އިލެކްޝަން ފޯކަލް ޕޮއިންޓްތަކުންނާއި އަތޮޅުތަކުގައި ގާއިމް ކުރެވިފައިވާ އަތޮޅު އިލެކްޝަން ޔުނިޓްތަކުންވެސް ހަމަޖެހިފައިވާ ކަމަށެވެ.

ވޯޓުލުން އޮންނަ ދުވަހު ޝަކުވާ ބަލައިގަންނާނީ، ވޯޓުލުން ފެށުނީއްސުރެ އެ ވޯޓުފޮއްޓެއްގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމެންދެނެވެ. އަދި ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން، ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު، ހެނދުނު 8:00 އިން ހަވީރު 4:00 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން 5:00 އަށެވެ. ރަށްރަށުގައި ގާއިމުކުރެވިފައިވާ، ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓުތަންނާއި އަތޮޅު އިލެކްޝަންސް ކޮމްޕްލެއިންޓްްސް ބިއުރޯ ތަކުން، ޝަކުވާ ބަލައިގަންނާނީ، ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު، ހެނދުނު 8:00 އިން ހަވީރު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 2:30 އިން 5:00 އަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯތަކުން، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.