Last Updated:
1 decade 2 year ago

24 ކިލޯގެ ހެރޮއިންއާއެކު 18 މީހަކު ހައްޔަރުކޮށްފި

    ބުލޮގު ޚުލާސާ
    ސައުވީސް ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން 18 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
    18:50

    ކަނޑުމަގުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައާ ގުޅިގެން 14 ބިދޭސީންނާއި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

    އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަތަރު ދިވެހީންގެ ތެރޭގައި ފުލުހަކު ވެސް ހިމެނޭ ކަމަށެވެ. އަދި ހައްޔަރު ކުރި ބިދޭސީންގެ ތެރޭގައި ބަނގުލަދޭޝްގެ ތިން މީހަކު ހިމެނޭއިރު ޕާކިސްތާނުގެ 11 މީހުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

    އޭނާ ވިދާޅުވީ ކަނޑުމަގުން ރާއްޖެ އެތެރެކޮށްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށާއި އެތަކެތި އެތެރެކޮށްފައި ވަނީ އީރާންގައި ރަޖިސްޓްރީވެފައިވާ "ހޮރުމޯޒް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށެވެ. އަދި އެބޯޓަކީ ކަނޑުމަސް ބަރުކުރުމަށް މީގެކުރިން އެތަށްފަހަރަކު ރާއްޖެ އައިސްފައިވާ ބޯޓެއް ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

    "އެ ބޯޓް ގާތްގަނޑަކަށް ރާއްޖެއާ 30 ނޯޓިކަލް މޭލު ކައިރިވުމުން އެ މައްސަލާގައި ހިމެނޭ ދިވެހިންނާއި ބަންގްލަދޭޝް މީހުން އއ.މަތިވެރި އާއި ދިމާލުން މަސް ދޯޏެއްގައި އެ ބޯޓާ ބައްދަލު ކުރޭ. އަދި އެތަނުން ބައްދަލުކޮށް އެތަކެތި ކުޑަ 'ޑިންގީ' އެއްގައި ނޭންގޭގޮތަށް ފައިބަރު ޖަހައިގެން ބަންދު ކުރުމަށްފަހު ޑިންގީ މަސްދޯންޏަށް ނަގައިގެން ހުޅުމާލެ ކައިރިއަށް އައުމަށްފަހު އެއިން ދެމީހަކު ޑިންގީގައި ހުޅުމާލެއަށް އާދޭ،" ރަޝީދު ވިދާޅުވި އެވެ.

    އޭނާ ވިދާޅުވީ އެ މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ އއ. މަތިވެރި އާއި ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން ޑިންގީއަކަށް މަސްތުވާތަކެތިލައިގެން ނޭނގޭގޮތަށް ފައިބަރު ޖަހުމަށްފަހު މަސްދޯންޏެއްގައި ހުޅުމާލެއަށް އެ ޑިންގީ ގެނެސް ހުޅުމާލެއަށް ފައިބަނިކޮށް ކަމަށެވެ.

    އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު އާންމުކުރި ވީޑިއޯއެއްގައި، މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބޯޓުކައިރިއަށް ދިވެހި މަސްދޯނިގޮސް މަސްތުވާތަކެތި ހިފައިގެން އެނބުރި އައި ހުރިހާމަގެއް ފެނެއެވެ.

    މަސްތުވާތަކެތި ރައްކާކުރުމަށްޓަކައި ޑިންގީގެ ބެއްދުމުގެ ތެރެއަށް ލައި ރައްކާކޮށްފައި ވަނިކޮށް، ފުލުހުންނަށް ޝައްކުކުރެވިގެން ކަރަންޓު ކީހަކާއި ގްރޭންޑަރު ފަދަ އާލާތްތައް ބޭނުންކޮށްގެން، ޑިންގީގެ ބެއްދުން ކަފާލި މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

    އެ ބޯޓުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 36 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އަދި އެއަށް އިތުރު "ޕައުޑަރ" ތަށް އެއްކޮއްގެން ވިއްކައިފިނަމަ އެ ތަކެތީގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.

    އޭނާ ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ އިތުރު ތަފްސީލް ދެވެން ނެތްކަމަށާއި ތަހުގީގު ނުމުމުން އެ މައްސަލައާ ގުޅޭ އެހެނިހެން މައުލޫމާތުތައް ނޫސްވެރީންނާ ހިއްސާކުރައްވާނެ ކަމަށެވެ.

    16:55

    ހޮރުމޯޒް ބޯޓުން ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މި މަހުގެ ހަތަރަކުން 10 އަށް.

    ފުލުހުން ބުނީ އިރާނުގައި ރަޖިސްޓްރީކޮށްފައިވާ ހޮރުމޯޒް ބޯޓަކީ ކުރިން ވެސް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ޝައްކު ކުރެވޭ ބޯޓެއް ކަމަށް. އަދި އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ބޯޓަށް ފާރަލަމުން ގޮސް، ބޯޓު އަތުލައިގަތީ މި މަހުގެ 10 ވަނަ ދުވަހު ކަމަށް ފުލުހުން ބުނޭ.

    16:52

    24 ކިލޯގެ ކެރޮއިން މައްސަލާގައި ފުލުހަކު ވެސް ހައްޔަރުކޮށްފި. އޭނާއާއެކު ތިން ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައި. އެ މައްސަލާގައި ހައްޔަރު ކުރި ހުރިހާ އެންމެންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައި.
    16:50

    ހޮރުމޯޒް ބޯޓުން ޑިންގީއަކަށް ބަރުކުރި މަސްތުވާތަކެއްޗަކީ ހެރޮއިން ކަމަށް ބެލެވޭ. ނަމަވެސް އެކަން ކަށަވަރު ކުރުމަށް ފުލުހުންގެ ލެބޯޓަރީއަށް ވަނީ ފޮނުވާފައި
    16:45

    24 ކިލޯގެ މަސްތުވާތަކެތީގެ މަގު މަތީ އަގު 36 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނޭ. އަދި އެ މަސްތުވާތަކެތި ގަޑުބަޑުކޮށްގެން ވިއްކައިފިނަމަ 100 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް ފުލުހުން ބުނޭ.
    16:43

    އީރާނުގައި ރަޖިސްޓްރީކޮށްފައިވާ "ބޯޓުން މަސްތުވާތަކެތި ބަރު ކުރީ ޑިންގީއަކަށް. ޑިންގީއަށް މަސްތުވާތަކެތި ބަރު ކުރުމަށްފަހު، ނޭނގޭ ގޮތަށް މަތިން ފައިބަރު އަޅާފައިވޭ.
    16:41

    ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ މަސްގަންނަން ރާއްޖެ އައި ބޯޓަކުން ކަމަށް ފުލުހުން ބުނެފި. އެ މައްސަލާގައި ތިން ބިދޭސީ އަށާއި ޕާކިސްތާނުގެ 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ.