12 Mar 2014, 16:09
އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ، ދެ ގޮނޑިއަށް އައްޔަން ކުރުމަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މުހައްމަދު ޒާހިދު، ދަފްތަރު 1541 އާއި މުހައްމަދު ޝަކީލް، މ. ވޭވަށް، ބުލްބުލާގެ އާއި އަހުމަދު ސުލައިމާނު ހުޅުމާލެ އެންދެރި 4 އާއި އައިޝަތު މުނާ، އދ. މަހިބަދޫ، ސަރަނޯރާމާގެ ނަންފުޅު ކަމަށެވެ.
މުއާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑި އަށް ކުރިމަތިލުމަށް ހުޅުވާލުމުން 18 ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ. އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ހަތަރު ނަންފުޅުގެ އިތުރުން ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅު ފޮނުއްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް ހަތަރު ބޭފުޅެއްގެ ނަން ރައީސް އޮފީހުން ފޮނުވާފައި މިވަނީ ރައީސް ފުއާދު ތައުފީގާއި އާއި ނައިބު ރައީސް މުހައްމަދު ފަޔާޒް ހަސަން އެކޮމިޝަނުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ބުނެފައި ވަނީ ފުއާދު އާއި ފަޔާޒް ވަކިވެފައިވާ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެ ދެ ބޭފުޅުން އައްޔަން ކުރުމުގެ އެއްވެސް މަސައްކަތެއް އެކޮމެޓީން ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އަބްދުﷲ ޝާހިދު ވަނީ މަޖިލިސް އިންތިހާބުގެ ކުރިން ދެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުމަށް ނިންމާފަ އެވެ.