12 Mar 2014, 15:56
ހުސްވެފައިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ކްރޮއޭޝިއާގެ ޑްރަގޯ މަމިޗް، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ހަމަޖައްސައިފި އެވެ.
އެފްއޭއެމް އިން ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މަމިޗް ހަމަޖައްސާފައިވަނީ މިއަދު ބޭއްވި އެސްކޯ މެންބަރުންގެ ބައްދަލުވުމުގައި ކަން ސަން އަށް ވަނީ ކަށަވަރުވެފަ އެވެެ.
އުމުރުން 60 އަހަރުގެ މަމިޗް ކުރިން ވަނީ ތަފާތު އެކި ޓީމުތަކަށް ކޯޗުކަން ކޮށްދީފަ އެވެ. އެގޮތުން 1999 އިން 2000 ވަނަ އަހަރަށް އޭނާ ވަނީ ކޮރޮއޭޝިއާގެ ޔޫތު ޓީމުތަކެއްގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
އޭނާ ވަނީ އެންކޭ އޮއިޔެންޓް ޒުވާން ޓީމް، ކްރޮއޭޝިއާ ގައުމީ ޔޫތު ޓީމް، އެންކޭ އޮރިޔެންޓްގެ އެސިސްޓެންޓް ކޯޗުކަން، އެންކޭ އޮރިޔެންޓްގެ ހެޑް ކޯޗުކަން، ސިހުއާން ގުއަންޒިންގެ ކޯޗުކަން، ޑަލިން ޝިޑޭގެ އެސިސްޓަން ކޯޗުކަން، ގުއަންޒޫ ރިޒިގުއާންގެ އެސިސްޓަންޓް ކޯޗުކަން، ގުއަންޒޫ ރިޒިގުއާންގެ ވަގުތީ ކޯޗުކަން، ސަބާހް އެފްއޭ ކޯޗުކަން، މިޔަންމާ ގައުމީ ޓީމު ކޯޗުކަން، ޗާޗިލް ބްރަދާސްގެ ކޯޗުކަން އަދި ޕާސިބް ބަންޑުންގެ ކޯޗުކަން ވެސް ކޮށްފަ އެވެ.
ގައުމީ ޓީމްގެ ކޯޗުގެ މަގާމަށް މަމިޗް ހަމަޖެއްސިކަމަށް ރަސްމީކޮށް އެފްއޭއެމުން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެކަމަށް އެފްއޭއެމް އިން މައުލޫމާތު ދެއެވެ.