12 Mar 2014, 15:06
ގަތަރު އެއާވޭސްގެ ބައެއް އެއާބަސް އޭ 330 -200 އަދި އޭ 320 މަތިންދާބޯޓު ތަކުގެ ބިޒްނަސް ކްލާސް ސީޓް ތަކާއި އެންޓަޓެއިންމަންޓް ސިސްޓަމް ތައް އަޕްގްރޭޑް ކުރަން ނިންމައިފި އެވެ.
އަލަށް އަޕްގްރޭޑް ކުރާ ފްލައިޓް ތައް ރާއްޖެއަށް ވެސް އުދުހޭނެ ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގަތަރު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ އެއާލައިންގެ ހަތް އޭ 330-200 މަތިންދާބޯޓެއްގަޔާއި ނުވަ އޭ 320 މަތިންދާބޯޓެއްގެ ބިޒްނަސް ކްލާސް އަޕްގްރޭޑް ކުރަން ފަށާފައިވާ ކަމަށާއި، މި އަހަރު ފަހުކޮޅު އެ މަސައްކަތް ނިމޭނޭ ކަމަށެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި އެހެނިހެން ހިދުމަތްތަކާ އެކު އެންމެ މަތީ ފެންވަރު ރަނގަޅު އިން-ފްލައިޓް ހިދުމަތްތައް ވެސް ކަސްޓަމަރުންނަށް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް،” ގަތަރު އެއާވޭސް ގެ ސީއީއޯ އަކްބަރ އަލް ބޭކަރ ބުންޏެވެ.
ގަތަރު އެއާވޭސްގެ އޭ 330 -200 އަދި އޭ 320 މަތިންދާބޯޓު ތަކުގެ ބިޒްނަސް ކްލާހުގައި އަލަށް ހަރުކުރާ ގޮނޑިތައް 180 ޑިގްރީއަށް ތިރިކޮށްލައި، އެނދަކަށް ބަދަލުކޮށްލެވެ އެވެ. އަދި ކެބިން ގެ ފަރުމާ އައު ކޮށްފައި ވާއިރު ޖެހިގެން ހުންނަ ސީޓު ތަކަށް ނުފެންނަ ގޮތަށް ދަމާލެވޭ ޑިވައިޑަރ ތައް އިތުރަށް ފުރިހަމަވާނެ ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ.
އަޕްގްރޭޑް ކުރެވޭ އެއާކްރާފްޓް ތަކުގެ ކޮންމެ ބިޒްނަސް ކްލާސް ސީޓެއްގައި 15.4 އިންޗީގެ ސްކްރީން ހަރުކުރެވޭ އިރު، ސްމާޓް ފޯން އަދި ސްމާޓް ޑިވައިސްތައް ގުޅާލެވޭ ގޮތަށް ޔޫއެސްބީ ޕޯޓްތައް ހުންނާނެ އެވެ. އަދި އޭ 320 މަތިންދާބޯޓު ތަކުގައި ޕެނެސޮނިކްގެ އެންމެ ފަހުގެ އިން ފްލައިޓް އެންޓަޓެއިންމަންޓް ސިސްޓަމް ވެސް ހަރުކުރާނެ އެވެ.
މީގެ އިތުރުން އޭ 320 މަތިންދާބޯޓު ތަކުގައި ޕެނެސޮނިކްގެ ގްލޯބަލް ކޮމިއުނިކޭޝަންސް ސޫޓް މެދުވަރިކޮށް އިންޓަނެޓް ލިބޭނެއެވެ. އަދި އޭ 330 -200 މަތިންދާބޯޓުތަކުން ވެސް އެސްއެމްއެސް އާއި އެމްއެމްއެސް ފޮނުވޭނެ ކަމަށް ގަތަރު އެއާވެސް އިން ބުނެއެވެ.
ގަތަރު އެއާވޭސްގެ އަޕްގްރޭޑްކޮށްފައިވާ އޭ 320 ގެ ބޯޓުތައް ރާއްޖޭގެ އިތުރުން އޮސްޓްރިއާގެ ވެރިރަށް ވިއެނާ އަށާއި، ޓިއުނީޝިއާގެ ވެރިރަށް ޓޫނިސް އަށާއި، އިޓަލީގެ މިލާން އާއި ރޯމް އަށާއި، ސްވިޓްޒަލަންޑް ގެ ޖެނީވާ އަށް ވެސް ދަތުރުތައް ކުރާނެ އެވެ. އަދި އަޕްގްރޭޑް ކުރެވިފައިވާ އޭ 330 -200 މަރުކާގެ މަތިންދާ ބޯޓުތައް ދަތުރު ކުރަން ހަމަޖެހިފައި ވަނީ ސްޕެއިންގެ ބާސަލޯނާ އަށާއި، ޖަޕާންގެ އޮސާކާ އަށާއި، ޗައިނާގެ ހޮންގްކޮންގް އަށާއި، މެލޭޝިޔާގެ ކުއާލަ ލަމްޕޫރު އަދި ތައިލޭންޑްގެ ޕުކެޓް އަށެވެ.
ގަތަރު އެއާވޭސްގެ ފްލީޓްގައި މުޅި އެކު 65 މަތިންދާބޯޓު މިހާރު އޮވެ އެވެ.