މުޅި އެކު 300 ޖީބީ ގެ ޑާޓާ ރައްކާ ކުރެވޭ ޑިސްކް އެއް ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސޮނީ އާއި ޕެނަސޮނިކް އިން ހާމަކޮށްފި އެވެ.

“އާކައިވަލް ޑިސްކް” ގެ ނަން ދެވިފައިވާ މި ޑިސްކް ބާޒާރަށް ނުކުންނާނީ 2015 ވަނަ އަހަރުގައި ކަމަށް ސޮނީ އާއި ޕެނެސޮނިކް އިން ބުންޏެވެ. މިކަން އިއުލާނުކޮށްފައި ވަނީ ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައެވެ.

ފުށެއްގައި 3 ލޭޔަރު ހުންނަ އާކައިވަލް ޑިސްކުގެ ދެ ފުށަށްވެސް ޑާޓާ ރެކޯޑް ކުރެވޭނެއެވެ. އަންނަ އަހަރު 300 ޖީބީގެ ޑިސްކް ނެރުމަށް ފަހު 500 ޖީބީގެ ޑިސްކް އާއި 1 ޓެރަބައިޓްގެ ޑިސްކްވެސް ނުކުންނާނެ ކަމަށް ސޮނީ އާއި ޕެނެސޮނިކް އިން ވަނީ ބުނެފައެވެ.

މި ޑިސްކް ތައް އުފައްދަނީ ގިނައިން ޑާޓާ ރައްކާ ކުރަންޖެހޭ ބޮޑެތި ކުންފުނިތަކަށް އަމާންޒުކޮށްގެން ނެވެ. ފަހުގެ ދެފުއް ބޭނުން ކުރެވޭ، އެންމެ ގިނައިން ޑާޓާ އެޅޭ ބްލޫ ރޭ ޑިސްކް ތަކަށް ގެނަވެގެން އެޅެނީ 50 ޖީބީގެ ޑާޓާއެވެ.

ކްލައުޑް ސްޓޯރޭޖްގެ ޒަމާނުގައި މި ފަދަ ޑިސްކް ތަކަށް ޑިމާންޑް އޮންނާނެކަމާ މެދު މާހިރުން ވަނީ ސުވާލު ކޮށްފައެވެ.

ނަމަވެސް ޓެކްނޮލަޖީ އިންޑަސްޓްރީ ދިރާސާ ގާޓްނަރ ގެ ޕޯލް ޑޮނަވަން ދެކޭ ގޮތުގައި މިފަދަ ސްޓޯރޭޖް ޑިވައިސްތަކުގެ ބޭނުން އަދިވެސް މީހުން ކުރާނެއެވެ.

“ކާފަ ދަރިންނަށް ފޮޓޯތައް ދޭން ބޭނުންވާހާ ދުވަހަކު އެ ފޮޓޯތައް ރައްކާ ކުރާނެ ތަނެއްވެސް ބޭނުން ވާނެ،” ޕޯލް ޑޮނަވަން ބުންޏެވެ.

ސޮނީ އާއި ޕެނެސޮނިކް އިން ވެސް ވަނީ މި ފަދަ ފިޒިކަލް ޑިސްކް އެއްގެ ފައިދާތައް ގިނަވާނެ ކަމަށް ބުނެފައެވެ.

“އޮޕްޓިކަލް ޑިސްކް އަކީ ގިނަ ދުވަސް ވުމުން ކުރާ އަސަރުތައް ކުޑަ، ކުނޑި އާއި ފެނުގެ އަސަރު ނުކުރާ، ވައިގެ ތެތްކަމާއިފިންޏާއި ހޫނަށް ކަތާ ތަކެއްޗެވެ،” ސޮނީ އާއި ޕެނެސޮނިކް އިން ބުންޏެވެ.

ފޭސްބުކް އިން ދާދި ފަހުން ވަނީ ފޭސްބުކް ބޭނުން ކުރާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯތައް ރައްކާ ކުރުމަށް 10،000 ބްލޫ ރޭ ޑިސްކް ގެ ސްޓޯރޭޖް ސްޕޭސް އެއް ގާއިމުކޮށްފައެވެ. މި ސިސްޓަމް އަކީ އެ ކުންފުންޏަށް 50 އިންސައްތަ އަގުހެޔޮ ސިސްޓަމް އެކެވެ.

ފުޖީ ފިލްމް އިން ވެސް އަންނަނީ 1 ޓެރަބައިޓްގެ ޑާޓާ ރައްކާ ކުރެވޭ އޮޕްޓިކަލް ޑިސްކް އެއް އުފައްދަން ދިރާސާ ކުރަމުންނެވެ. އެ ކުންފުނިން ވެސް 2015 ގައި އެ ޑިސްކް ބާޒާރަށް ނެރޭނެ ކަމަށް ވަނީ ބުނެފައެވެ.