މީހަކު މެރިކަމުގެ ކުށް ސާބިތުވާ ކަމަށް މީގެ 25 އަހަރު ކުރިން ހުކުމްކޮށް، ޖަލުގައި ބަންދުކޮށްފައި ހުރި އެމެރިކާ މީހަކު ކުށްވެރި ނުވާ ކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްފި އެވެ.

އެމެރިކާގެ ލޫޒިއާނާ ސްޓޭޓްގައި މީގެ 25 އަހަރު ކުރިން މަރަން ހުކުމްކޮށްފައި ހުރި ގްލެންފޯޑް ނަމަކަށް ކިޔާ އެމީހާގެ ކުށެއް ނެތް ކަމަށް ސްޓޭޓް ޑިސްޓްރިކްޓް ހުކުމްކުރެއްވީ އިއްޔެ ކަމަށް ބީބީސީ ބުންޏެވެ. ޖަޖް ރަމޯނާ އެމަނުއަލް މަރަން ހުކުމް ކުރީ އުމުރުން 39 އަހަރުގަ އެވެ.

ފޯޑް މެރުމަށް 1983 ވަނަ އަހަރު ލޫޒިއާނާގެ ކޯޓަކުން ހުކުމް ކުރީ އިސޭޑޯ ރޯޒްމަން ނަމަކަށް ކިޔާ މީހަކު މަރާލި ކަމަށް އޭރު ސާބިތުވެގެންނެވެ. ނަމަވެސް އޭނާގެ ކުށެއް ނެތް ކަމަށް އިއްޔެ ކަނޑައެޅީ ރޯޒްމެން މަރާލި ވަގުތު ފޯޑް އެތަނުގައި ނެތްކަން ސާބިތުވާ މައުލޫމާތެއް ކޯޓަށް ލިބިގެންނެވެ.

ފޯޑް ވެފައި ވަނީ އެމެރިކާގެ ފަހުގެ ތާރީހުގައި މަރުގެ ހުކުމް އައިސް ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރުމަށް ފަހު މިނިވަންވި އެކަކަށެވެ. ޖަލުން މިނިވަންވީއިރު އޭނާގެ އުމުރަކީ މިހާރު 64 އަހަރެވެ.

މަރަން ހުކުމްކޮށްފައިވާ 83 ފިރިހެނުންނާއި ދެ އަންހެނުން ލޫޒިއާނާގައި މިހާރު ވެސް އެބަތިއްބެވެ.

ލޫޒިއާނާ ސްޓޭޓްގެ ގާނޫނުގައި ވާ ގޮތުން ޖަލުގައި ދުވަސްތައް ހޭދަކުރުމަށް ފަހު ކުށެއް ނެތްކަން ސާބިތުވާ މީހުންނަށް ދައުލަތުން ބަދަލުދޭން ޖެހެއެވެ. އެގޮތުން ދޭންޖެހޭ ބަދަލުގެ ތެރޭގައި ނުހައްގުން ބަންދުގައި ހުރީތީ އަހަރަކަށް 25000 ޑޮލަރާއި ދިރިއުޅުމުގައި ލިބެން އޮތް ފުރުސަތުތައް ގެއްލުނީތީ ދޭ 80000 ޑޮލަރު ހިމެނެއެވެ.